ދުނިޔޭގެ އެންމެ ފަލަ ކުއްޖަކީ އިންޑޮނީޝިއާގެ 10 އަހަރުގެ ކުއްޖެއް ކަމަށާއި އޭނާގެ ބަރުދަނުގައި 192 ހުރި ކަމަަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އަރިޔާ ޕެރަމާނާ ކިޔާ މި ކުއްޖާއަކީ އިންޑޮނީޝިއާގެ ސިޕްރްވަރަސީ ވިލެޖަށް ނިސްބަތްވާ ކުއްޖެކެވެ.
އޭނާގެ އާއިލާ އާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ އަރިއާ އާދަޔާ ހިލާފަށް ފަލަވެ، ބިޔާވާން ފެށިކަން ފާހަގަ ކުރެވެން ފެށީގެ އޭނާގެ އުމުރުން އެންމެ ދެ އަހަރުގައި ކަމަށެވެ. އަދި އޭރު ވެސް އޭނާ ހުންނަނީ އުމުރުން ދޮށި ބޭބެ އަށް ވުރެ ބޮޑު ކަަމަށް އާއިލާ އިން ބުންޏެވެ.
އަރިޔާގެ އާއިލާ އިން ބުނީ އުމުރާ ނުބައްދަލު މިންވަރަށް ބިޔަކޮށް ހުރުމުން ކުރިން ދެކުނީ އެއީ ސިއްހަތު ރަނގަޅުކަމުން އޭނާ ހުންނަ ގޮތް ކަމަަށެވެ.
އެހެންވެ އެކަމާ ކަންބޮޑުވުމުގެ ބަދަލުގައި އާއިލާ އިން ތިބީ ވަަރަށް އުފަލުންނެވެ.
އެހެން ނަމަވެސް ފަހުން އޭނާ މާ ބޮޑަށް ފަލަވެ، ހެލިފެލިވެ އުޅެން ވެސް ދަތިވާ ހިސާބަށް ދިއުމުން ތަފާތު ޑޮކްޓަރުންނަށް ވެސް ދެއްކި އެވެ.
އެކަމަކު އާންމު ހާލަތަަކަށް ނުގޮސް އެއް ދުވަހުން އަނެއް ދުވަހަށް އަރިޔާ ފަލަވެ، ބަރުދަން ދިޔައީ އިތުރުވަމުންނެވެ.
"އަހަރަމެންގެ ހާލަތު ތަން ދިން އެންމެ ރަނގަަަޅަށް އެ ކުއްޖާ އަށް ފަރުވާ ކުރަން ވަރަށް މަސައްކަތް ކުރެވިއްޖެ. މިކަމަށް މިހާރު އެތައް ހަދަރެއް ކުރެވިއްޖެ. އެކަމަކު ދަރިފުޅުގެ ހާލަތަަކަށް އެއްވެސް ބަދަލެއް ނާދޭ،" ދަނޑުވެރިކަން ކުރާ އަރިޔާގެ ބައްޕަ އަޑޭ ސޮމަންތާރީ ބުންޏެވެ. "މިކަމާ އުޅެއުޅެ މިހާރު ވަރުބަލިވެއްޖެ."
އޭނާގެ ހަށގަނޑު ބިޔަކަމުން ދުވާލެއްގެ މައްޗަށް ވަރުގަދަ ފަސް ކެއުމެއް ކާން ޖެހެ އެވެ. އެހެން ނަމަވެސް އެ ވަރުގެ ތަނަވަސް ކަމެއް އާއިލާގެ ނެތުމުން ބައެއް ފަހަރު މީހުންގެ އަތުން ދަރަންޏަށް ނަގައިން ވެސް އަރިޔާ އަށް ބޭނުންވާ މިންވަރަށް ކޮއްތު ހަމަޖައްސަން ޖެހޭ ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.
އަދި އެހެން މީހެއްގެ އެހީތެރިކަމާ ނުލައި އޭނާ އަށް ހެލިފެލިވެ މިހާރު އުޅެވޭ ގޮތެއް ނުވެ އެވެ.