އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ކުލަބު، މެންޗެސްޓާ ޔުނައިޓެޑުގައި 29 އަހަރު ދުވަހު މަސައްކަތް ކުރުމަށްފަހު ރަޔަން ގިގްސް ކުލަބު ދޫކޮށް އާ މަންޒިލަކަށް މިސްރާބު ޖަހައިފިއެވެ.
ގިގްސް ކުލަބަށް އަލްވަދާއު ކިޔާފައިވަނީ ސީނިޔާ މެނޭޖަރަކަށް ވުމަށް ކަމަށް މެންޗެސްޓާ ޔުނައިޓެޑް އޮފިޝަލް ސޯޝަލް މީޑިޔާ އެކައުންޓު ތަކުގައި ބުނެފައިވެއެވެ.
އުމުރުން 14 އަހަރުގައި މެންޗެސްޓާ ޔުނައިޓެޑްގެ ޔޫތް އެކެޑެމީއާ ގުޅި އެ ޓީމަށް ކުޅެމުންދިޔަ ގިގްސް އޭނާގެ ސީނިޔާ މެޗު ކުޅެފައިވަނީ 18 އަހަރުގައި، 1990 ވަނަ އަހަރުގައެވެ.
އެލެކްސް ފާގަސަންގެ އެންމެ ކާމިޔާބު ޒުވާން ކުޅުންތެރިންގެ ޓީމު، 'ކްލާސް އޮފް 91' ގައި ވެސް ގިގްސް ހިމެނެއެވެ. ޖުމުލަ 963 މެޗު ޔުނެއިޓެޑަށް ކުޅެ ދީފައިވާއިރު އޭނާ ވަނީ 168 ގޯލު މިޑްފީލްޑް ރޯލުގައި ކުޅެ ޖަހާފައެވެ. އޭނާގެ ޕްރޮފެޝަނަލް ކުޅުންތެރިޔެއްގެ އެންމެ ފަހު ސީޒަން، 2013/14 ވަނަ އަހަރުގެ ސީޒަން ފިޔަވައި ޕްރިމިއާ ލީގު ހުރިހާ ސީޒަނެއްގައި ގޯލު ޖަހާފައެވެ.
ގިގްސްގެ ކުލަބު ޓްރޮފީތަކަށް ބަލާއިރު 35 ޓްރޮފީ ކުޅުންތެރިޔެއްގެ ގޮތުގައި ހޯދާފައިވެއެވެ. އެއީ:
13 ޕްރިމިއާ ލީގު
9 ކޮމިއުނިޓީ ޝީލްޑް
4 އެފް އޭ ކަޕް
4 ލީގު ކަޕު
2 ޔުއެފާ ޗެމްޕިއަންސް ލީގު ކަޕު
1 ޔުއެފާ ސުޕަ ކަޕް
1 އިންޓަ-ކޮންޓިނެންޝިއަލް ކަޕް
1 ފީފާ ކުލަބު ވޯލްޑް ކަޕް
ގިގްސްގެ ވަކިވެދިއުމުގައި އާ މެނޭޖަރު މޮރީނިއޯ އަށް ކުލަބަކީ މޮޅުވުމާ ކާމިޔާބީ ކުލަބުގެ ޑީއެންއޭ ގައި ވާ ކުލަބަކަށް ވުމުން އެކަން ހާސިލު ކޮށްދިނުމަށް އެދިފައިވެއެވެ. އަދި ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ، އެޓޭކިން ފުޓުބޯޅައެއް ކުޅުމަށްވެސް އިލްތިމާސް ކޮށްފައިވެއެވެ.
29 އަހަރު ދުވަސް ވަންދެން އެއް ޓީމެއްގައި ދެމިހުރެފައި އެޓީމާ ވަކިވެ ދިއުމަކީ އޭނާ މިހާތަނަށް ކުރި އެންމެ އުނދަގޫ ކަން ކަމަށް ގިގްސްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ހާއްސަގޮތެއްގައި ކުލަބުގެ އެންމެހާ ސަޕޯޓަރުންނަށް ފަށްފަށުން ޝުކުރު ދަންނަވައިފައިވެސްވެއެވެ.
"އަހަރެންގެ އެންމެ ފަހުގެ ޝުކުރު އަދާ ކުރާނީ ސަޕޯޓަރުންނަށް. 29 އަހަރު ދުވަސްވަންދެން އޯލްޑް ޓްރެފޮޑްގައި އުޅުމަށްފަހު އަލްވަދާއު ކިޔުމަކީ ވަރަށް އުނދަގޫ ކަމެއް."
ގިގްސްގެ ވަކިވެދިޔުމާއެކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މެންޗެސްޓާ ޔުނައިޓެޑުގެ ސަޕޯޓަރުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. ސަޕޯޓަރުންގެ އިތުރުން ޓީމުގެ ކުޅުންތެރިންނާއި ކުރީގައި ކުޅުނު ކުޅުންތެރިންވެސްމެއެވެ.