އެއިކޯ ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީ ކުރަމުން އަންނަ ހިތަދޫ ދިގަލި ކިޅި ސަރަހައްދަށް ޒިޔާރަތް ކުރާ މީހުންނަށް ހާއްސަ ސެންޓަރެއް އެޅުމަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވީ އަވާ އިންވެސްޓުމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ.
އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދޫން އަނީސެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބުރާހިމެވެ.
ސެންޓަރު އެޅުމަށް ވީ އަވާ އިންވެސްޓުމަންޓާ ހަވާލުކުރީ 8.2 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
އީދަގަލި ކުޅި ތަރައްގީ ކުރުމުގެ މަޝްރޫއަަކީ އެންވަޔަރަމަންޓް ކުލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީޕެކް) އިން ފަންޑުކޮށްގެން ހިންގާ މަޝްރޫއުއެއް ކަމަށެވެ.
"އައްޑޫ އީދިގަލި ކިޅިއަކީ ވަރަށް ދުވަސްވަންދެން ހިމާޔަތްކޮށްފައި އޮންނަ ތަނެއް. އެކަމަކު އެތަނުން ލިބެން ޖެހޭ މަންފާއާ ފައިދާ ރައްޔިތުންނަށާއި ސަރުކާރަށް ހޯދުމަށް އެ ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން މިދަނީ،" މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ. "އެގޮތުން މިއަދު މި ހަވާލު ކުރި ވިޒިޓާސް ސެންޓާ އެޅުމަށް ފަހު ކުރިއަށް އޮތް ތާނގައި މިތަން ހިންގާ ބެލެހެއްޓޭނެ ނިޒާމުތައް އެއާ އެއްކޮށް ހަމަޖައްސާ އެތަން ރަނގަޅަށް ބެލެހެއްޓޭނެ އުސޫލެއް ވެސް ހެދިގެން ދާނެ."