ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެ ކަމަނާ އިސްތިއުފާ ދެއްވާފައި މި ވަނީ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ މަޖިލިސް މެމްބަރުން ޕާޓީގެ އަސާސްތަކާ ހިލާފަށް މަސައްކަތް ކުރަމުންދާ ކަމަށް މައުމޫން ވިދާޅުވެ، ޕީޕީއެމް އިސްލާހު ކުރަން އިސްލާހީ އެޖެންޑާއެއް ވެސް އިއުލާން ކުރުމުން ޕާޓީ ތެރެެއިން ބޮޑެތި ފާޑު ކިޔުންތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.
މި މައްސަލާގައި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ މައުމޫން ޕީޕީއެމް ހިސޯރުކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް ވެސް ވަނީ ވައްދައިފަ އެވެ.
މައުމޫނަށް ޕާލިމަންޓްރީ ގްރޫޕުން ދަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެމުންނެވެ.
އަދި އެ މަނިކުފާނު ޕާޓީގެ އަސާސީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށާއި ޕީޕީއެމުން އިސްތިއުފާ ދެއްވުމަށް ވެސް ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގެ ބައެއް މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން ވަނީ ގޮވާލައިފަ އެވެ.
މީގެ އިތުުރުން ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު އަދި ދުންޔާގެ ކޮއްކޮ ފާރިސް މައުމޫން ޕީޕީއެމުން ވަކި ކުރުމަށް އެ ޕާޓީގެ ސްލޫކީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ދާދި ފަހުން ހޯމް މިނިސްޓަރުކަމުން އުމަރު ނަސީރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.