ސަރުކާރަށް އެތެރެ އާއި ބޭރުން ބޮޑެތި ޕްރެޝަރު އަންނަ އިރު އޭގެ ތެރެއިން އެންމެ ބޮޑު ޕްރެޝަރެއް އަންނަނީ ސިޔާސީ ފަރާތްތަކުން ކުރައްވާ ކުށްތަކަށް ކޯޓުން ނިންމާ ނިންމުންތަކުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ފިތުރު އިޑު ދުވާހުގެ މުނާސަބަތުގައި ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމް މެދުވެރިކޮށް ދިވެހި ރައްޔިތުންނާ މުހާތަބުކޮށް ރައީސް ވިދާޅުވީ ސަރުކާރުގެ އެތެރޭގައި ބޮޑެތި މައްސަލަތައް އެބަ ހުރި ކަމަށެވެ.
އެހެންވެ އެމައްސަލަތަކުގެ ސަބަބުން ސަރުކާރަށް އެ ޕްރެޝަރުތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ބޭރުގެ ފަރާތްތަކުން ސަރުކާރަށް ބޮޑެތި ފިއްތުންތައް ކުރިމަތި ކުރަމުން އަންނަ އިރު އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތި ވަނީ ސިޔާސީ ފަރާތްތަކާއި މެދު ކޯޓުން ނިންމާ ނިންމުންތަކުން ކަމަށެވެ.
"އެހެންވީމާ މި ސަރުކާރަށް ހުރި މައްސަލަތައް ކުޑައެއް ނޫން. ބައިނަލްއަގުވާމީ ގޮތުން މި ސަރުކާރަށް ހުރި ދަތިތައް ކުޑައެއް ނޫން،" ރައީސް ވިދާޅުވި އެވެ
ރައީސް ޔާމީން ވިދާޅުވީ ވެރިކަމުގެ ތިންވަނަ އަހަރު ފެށިގެން އަންނަ އިރު 3 ނައިބް ރައީސުން ފެނުމާއި 3 ޑިފެންސް މިނިސްޓަރުން ފެނުމުގެ އިތުރުން 10 ވަޒީރަކު ކެބިނެޓުން އިސްތިއުފާ ދީފައިވާ ކަމަށެވެ.
ރާއްޖޭގައި މަރުގެ އަދަބު ދޭން ނިންމުމަކީ ވެސް ބޭރުން ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިކުރުވައި ފާޑުކިޔަމުންދާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް ކިތަންމެ ޕްރެޝަރެއް އޮތް ނަަމަވެސް މުޖްތަމައުގެ ސަލާމަތަށް މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ވެރިކަން ކުރަމުން އަންނަ ޕީޕީއެމްގެ އެތެރޭގެ މައްސަލަތައް ބޮޑުވެފައި ވަނިކޮށް ވަރަށް ކުއްލިގޮތަކަށް މިރޭ 7:00 ޖެހި އިރު ރައީސް ޔާމީން ގައުމާއި މުހާތަބް ކުރުމުގެ ގަޑިތަކެއް ކުރިން ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވެސް ވަނީ ކެބިނެޓުން އިސްތިއުފާ ދެއްވައިފަ އެވެ.