އައްޑޫގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް "ބެޓީ ކްރޮކާ ގޯދިއްޔާ ފުޓްސަލް 2016" ގެ ޗެމްޕިއަންކަން މި އަހަރު ވެސް ފޭދޫ ހަބޭސް އިން ހޯދައިފި އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗް ހަބޭސް އިން ކާމިޔާބް ކުރީ ފޭދޫ ފްރައިންޑްސް ކްލަބް، 3-1 ލަނޑު ބަލިކޮށްގެންނެވެ.
ހަބޭސް އިން މިފަހަރު ތަށު އުފުލާލި އިރު މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ވެސް ހަބޭސްއެވެ.
ރޭގެ ފައިނަލް މެޗްގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ ވެސް ހަބޭސްއިންނެވެ.
ރޭގެ މެޗްގައި ހަބޭސްއިން ޖެހި ތިން ލަނޑު ޖެހީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ މޮޅު ކުޅުންތެރިޔާ އާއި ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއާ ހޯދި ހަބޭސްގެ އިބްރާހިމް މަހްދީ ހުސެއިން (ކުޑަ އިއްބެ) އެވެ.
ފްރެންޑްސް ކްލަބުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބް ކޮށްދިނީ އިބްރާހިމް މުހައްމަދު ދީދީ (އިބީ)އެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ވަނީ މެޑަލް އާއި ޝީލްޑް ހަވާލުކޮށްފައެވެ.
އެގޮތުން މުބާރާތު މޮޅު ކުޅުންތެރިއަކަށް ހަބޭސްގެ އިބްރާހިމް މަހްދީ ހުސެއިން (ކުޑައިއްބެ) ހޮވުނު އިރު އެންމެ މޮޅު ކީޕަރަށް ހޮވިފައިވަނީ، ހަބޭސްގެ ގޯލްކީޕަރު އަބްދުﷲ ނާސިހު އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ހަބޭސްގެ ކޯޗު އަހްމަދު ޝަރީފް (ޑުންގާ) އެވެ.
ހަބޭސްގެ މުހައްމަދު އިމްރާން ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނު އިރު އެ ޓީމް ވަނީ އެންމެ މޮޅު ސަޕޯޓިން ޓީމަށް ވެސް ހޮވިފަ އެވެ.
މުބާރާތުގެ އެންމަ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ، ކްލަބް ވީއެޗްގެ އަބްދުﷲ ޝައްފާން އެވެ. އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 11 ގޯލް ޖަހައިފަ އެވެ.
މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ، ފްރެންޑްސް ކްލަބުގެ މުހައްމަދު އަތީފްއެވެ. ފެއާ ޕްލޭ ޓީމަކީ ޔުނައިޓެޑް ފްރެންޑްސް އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން:
* އިބްރާހިމް މަހުދީ ހުސެއިން (އެފްސީ ހަބޭސް)
* އަބްދުﷲ ޝައްފާން (ކްލަބް ވީއެޗް)
* ހަސަން އަބްދުއް ސަމަދު (ޔުނައިޓެޑް ފްރެންޑްސް)
* އިބްރާހިމް މުހައްމަދު ދީދީ (ފްރެންޑްސް ކްލަބް)
* އަލީ ޝިފާގް (ފްރެންޑްސް ކްލަބް)
ރޭގެ މަޗަށް ފަހު ޗެމްޕިއަން ޓީމަށް ގޯދިއްޔާއިން ހުށަހަޅާފައިވާ 65،000ރ. ފައިސާގެ އިނާމް ޗެކް ހަބޭސް ޓީމާއި ހަވާލުކޮށް ދެއްވީ ބެޓީ ކްރޮކާގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އިބްރާހިމް ޒާހިރެވެ.
ރޭގެ ފައިނަލް މެޗް ފެށުމުގެ ކުރިން މުބާރާތުގެ އިންތިޒާމް ކޮމެޓީން ވަނީ މުބާރާތަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށް އަންނަ އަހަރުގެ މުބާރާތަށް ދައުވަތު އަރުވައިފަ އެވެ.