ޔޫރޯ 2016 ގެ ފައިނަލުގެ ފުރަތަމަ ޖާގަ މިރޭ ވޭލްސް ގެ މައްޗަށް ކުރި ހޯދައި ޕޯޗުގަލް ކަށަވަރުކޮށްފި އެވެ.
ސެމީ ގެ ފުރަތަމަ މެޗުން ޕޯޗުގަލް ވޭލްސް ބަލިކޮށްފައި ވަނީ 0-2 ގެ ނަތީޖާއަކުންނެވެ.
ސެމީ އާ ހަމައަށް ކުޅުނު އެއްވެސް މެޗެއްގެ 90 މިނެޓު ތެރޭގައި މޮޅެއް ނުލިބި އައި ޕޯޗުގަލް އިން ވަނީ ވޭލްސް އާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފަ އެވެ.
މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި ފޫހިކޮށް ނިމުނު ނަމަވެސް ޕޯޗުގަލްއިން ވަނީ ގިނަ އިރު ބޯޅަ ހިފަހައްޓައި މެޗުގެ ކޮންޓްރޯލް ނަގާފަ އެވެ.
މެޗުގެ ފުރަތަމަ ގޯލު 50 ވަނަ މިނެޓުގައި ޕޯޗުގަލް އަށް ލިބުނު ކޯނަރަކުން އޭރިޔާ ތެރެއަށް ހުރަސް ކުރި ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ލީޑު ނަގާފައިވަނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ތިން މިނެޓު ފަހުން ރޮނާލްޑޯގެ އެހީއާއެކު ނަނީ ވަނީ މެޗުގެ ދެވަނަ ގޯލު ޖަހައި ޕޯޗުގަލްއަށް ލީޑު ފުޅާކޮށްދީފައެވެ. މިގޯލާއެކު ވޭލްސްގެ ކުޅުންތެރިންގެ ހިތްވަރު ވަނީ ބަލިކަށިވެގެންގޮސްފައެވެ.
ޑިފެންޑަރު ބެން ޑޭވިސް އާއި މިޑްފީލްޑުން މައި ރޯލެއް އަދާ ކުރަމުންދިޔަ އެރޮން ރަމްސޭއަށް ދެ ރީނދޫ ކާޑު ހަމަވެ މިރޭ މެޗުގައި ނުކުޅެވުނު އިރު ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ އަށް އަނިޔާގެ ސަބަބުން މެޗުގައި ބައިވެރިއެއް ނުވެވުނެވެ.
ނަމަވެސް ދެޓީމުގެ ތެރެއިން ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިންނަށް ނުކުޅެވުމުގެ ސަބަބުން ބޮޑަށް އަސަރުކޮށްފައިވަނީ ވޭލްސް އަށް ކަން ފާހަގަކޮށްލެވެއެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗު މިރޭ ކުޅޭ އިރު ބައްދަލުކުރަނީ މުބާރާތް ބާއްވާ ގައުމު ފްރާންސާއި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނެވެ.