އައްޑޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ވީރާނާކޮށްލަން ދޫކޮށްލައި، އެތަން މަރާމާތު ނުކޮށް ސަރުކާރުން އޮތުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ނަމަވެސް އެތަން މަރާމާތު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ގައި ރޮޒޭ ވިދާޅުވީ އީސީސީ ވީރާނާކޮށްލަނީ ސަރުކާރުން ގަސްތުގައި ކަމަށެވެ. އަދި އެތަން ހައުސިން މިނިސްޓްރީގެ ދަށުގައި ހުރެގެން ހަލާކުވެގެންދާ އިރު، އެކަމުގެ ފުރިހަމަ ޒިންމާ ޑރ. މުއިއްޒު ނަންގަވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިނިސްޓަރު ޑރ. މުއިއްޒުގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ނަމަވެސް އެތަން މަރާމާތުކޮށް ބަލަހައްޓަން އެބަ ޖެހޭ. އެތަނަށް ވީރާނާކޮށްލަނީ ގަސްތުގައި،" ރޮޒޭ ވިދާޅުވި އެވެ. "މުޅި ތަން ހަލާކުވެ ފަނި އަޅައި، ދަބަރު ޖަހައި، އެތަނުގެ ދުވަސް މިހާރު އެހެރީ ގޮސްފައި."
ރޮޒޭ އަދި ވިދާޅުވީ އީސީސީ ކައުންސިލާ ހަވާލު ނުކޮށް، ހައުސިން މިނިސްޓްރީގެ ދަށުގައި ހުރުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ރައްޔިތުންނަށް ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން މި ސަރުކާރުން އައްޑޫގައި މިހާތަނަށް ހިންގި މަޝްރޫއެއް ނެތް ކަމަށެވެ.
އޭގެ ބަދަލުގައި ހުރީ އޮށްވަޅު ގޮނޑިއެއްހެން އޮތް މަގުތަކާއި ބުުއިމަށާއި ފެންވެރުމަށް ގުއި ފެން ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އެ ބުނާ ފެނުގެ މަޝްރޫއެއް ވެސް ދުވާލު ދެ ދަަޅަަށް އިފުތިތާހު އެބަ ކުރޭ. ކޮން ރަައްޔިތުންނަކަށްތޯ އެ ބުނާ ފެނެއް ލިބުނީ؟" ރޮޒޭ ވިދާޅުވި އެވެ. "ފޭދޫގެ ބިން ހިއްކުނީމަ އެ ހުރިހާ ކަމެއް ނިމުނީތޯ؟ އެހެންވެ ތަރަައްގީގެ ވާހަކަ ރައީސް ޔާމީން ނުދެއްކެވިއްޔާ މާ ރަނގަޅު ވާނެ."
ހައުސިން މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން މިހާރު ނިންމާފައި ވަނީ އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރާށެވވެ.