ދެހާސް ބާރައިގައި ހިލޭ ޔުވެންޓަސް އަށް މެންޗެސްޓާ ޔުނައިޓެޑް ފޮނުވާލި ޕައުލް ޕޮގްބާ ރިކޯޑް 100 މިލިޔަން ޕައުންޑުގެ ފީ އަކަށް އެޓީމަށް އަނބުރާ އަންނަން އުޅޭ ޚަބަރު ގަދަވެއްޖެ އެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ މެނޭޖަރުކަމާއި މޮރީނިއޯ ހަވާލު ވީ ދުވަހުން ފެށިގެން ޕޮގްބާގެ އެނބުރި އައުމުގެ ވާހަކަ ވަނީ ދެކެވިފައެވެ. ނަމަވެސް އޭރު ޔުނައިޓެޑާއި ވާދަ ކުރާ ޓީމަކަށް ރިއަލް މެޑްރިޑް އޮތެވެ.
ދެޓީމުން އެންމެ ފަހަށް ޔުވެންޓަސް އަށް ހުށައެޅި ބިޑު އެމީހުންވަނީ ބަލައިނުގެންފައެވެ. އަދި 100 މިލިޔަން ދިނުމަށް ދެޓީމަށްވެސް އަންގާފައެވެ.
100 މިލިޔަނަކީ ރިއަލް އަށް ޔޫރަޕުގެ ޓްރާންސްފާ ފީގެ ގޮތުގައި ހުށައެޅޭ ވަރަށްވުރެ ބޮޑު އަދަދެކެވެ. ނަމަވެސް މެންޗެސްޓާ ޔުނައިޓެޑަށް އެއަދަދު ދީފައިވެސް ޕޮގްބާ ގެނައުމުގެ ފުރުސަތު އޮންނާނެއެވެ.
ރިއަލް މެޑްރިޑް ޓްރާންސްފާގައި ފަހަތަށް ޖެހިފައިވުމުން މެންޗެސްޓާ ޔުނައިޓެޑްގެ ވައިސް ޗެޔާ އެޑް ވުޑްވާޑް ވަނީ ޓްރާންސްފާ އާއި އެކު ކުރިއަށް ގޮސްފައެވެ. ޚަބަރުތައް ލިބޭގޮތުގައި ޔުނައިޓެޑާއި ޕޮގްބާއާއި ދެމެދު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ ފީ ޔުވެންޓަސް އިން ގަބޫލުކޮށްފިނަމަ، 2013 ވަނަ އަހަރުގައި ރިއަލް މެޑްރިޑް އިން ޓޮޓެންހަމް ހޮޓްސްޕާސް އިން 86 މިލިޔަން ޕައުންޑަށް ގެރެތް ބޭލް ގަތް ޓްރާންސްފާ ރިކޯޑު މުގުރާލެވޭނެއެވެ. ޕޮގްބާ ވާނީ ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.
100 މިލިޔަން ޓްރާންސްފާ ފީގެ ގޮތުގައި ޔުވެންޓަސް އަށް ހުށައަޅާފައިވާއިރު ޔުނައިޓެޑުން އޮތީ ޕޮގްބާ އަށް ހަފްތާއަކު 300،000 ޕައުންޑު މުސާރައިގެ ގޮތުގައިވެސް ދޭން ތައްޔާރަށެވެ.