އެމެރިކާގެ ލުއީސިއާނާ ސްޓޭޓުގައި 2 ފުލުހަކު ވެގެން މީހަކަށް އަނިޔާކޮށް ބަޑި ޖަހައި މަރާލުމުގެ ސަބަބުން އާންމު ރައްޔިތުން ފުލުހުންނާ ދެކޮޅަށް ހަޅުތާލުކޮށް އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ރޭގެ ވަގުތެއްގައި ހިނގާދިޔަ މިހާދިސާގައި މަރާލައިފައިވަނީ ކަޅު ނަސްލުގެ މީހަކަށް ވެފައި އޭނާ މަރާލުމުގައި ހަރަކާތްތެރިވެފައިވަނީ ދޮން ނަސްލުގެ ދެ ފުލުހަކަށްވާތީ މިއީ ނަސްލީ ތަފާތު ކުރުމުގެ އަމަލެއް ކަމަށް ގިނަ ބަޔަކު އަންނަނީ އެމެރިކާގައި މުޒާހަރާ ކުރަމުންނެވެ.
މިއަނިޔާވެރި އަމަލު ހިންގި ވީޑިއޯ ފޯނަކުން ނަގައި ސޯޝަލް މީޑިޔާގައި އާންމުވެފައިވާއިރު މިހާރު މިމައްސަލައިގެ ތަހުގީގެއް ވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓުމަންޓުން ފަށާފައެވެ.
މުޒާހަރާގެ ބައިވެރިން މިހާދިސާ އާއި ގުޅިގެން ރުޅިވެރިކަމުގެ ޕޯސްޓު ތަކާއި ބެނާތައް ހިފައިގެން ހަރަކާތްތެރިވާއިރު ބައެއް ބެނާތަކުގައި 'ކަޅު މީހުންނަށްވެސް ދިރިއުޅުމުގެ ހައްގު ލިބެން ޖެހޭ' މިފަދަ އިބާރާތްތައް ފެންނަން ހުއްޓެވެ.
ލުއީސިއާނާގެ ބާޓން ރޯޖްގައި މިހާދިސާ ހިނގާފައިވާއިރު އެތަނުގެ ޗީފް އޮފް ޕޮލިސް ބުނެފައިވަނީ މިއީ ހިތާމަވެރި ކާރިސާއެއް ކަމަށާއި ތަހުގީގު ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އެން.އޭ.އޭ.ސީ.ޕީ ގެ ރައީސް ބުނެފައިވަނީ ސަރުކާރުން ބާޓޮން ރޯޖްގެ ޗީފް އޮފް ޕޮލިސް މިވަގުތުން ވަގުތަށް މަގާމުން ވަކި ކުރަން ޖެހޭނެކަމަށެވެ. އަދި މިމައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހަށާއި އެފްބީއައި އަށްވެސް ހުށައަޅާނެކަމަށް އޭނާ ބުނެފައިވެއެވެ.
މަރާލާފައިވާ ސްޓާލިންގ އަކީ 5 ކުދިންގެ ބައްޕަ އަކަށްވެފައި 15 އަހަރުގެ ދަރިފުޅުގެ މަންމަ ބުނެފައިވަނީ މަންމައެއްގެ ހައިސިއްޔަތުން އޭނާއަށް ވަނީ ބައްޕައަކު އަނިޔާވެރިގޮތަކަށް ފުލުހުންގެ މަރާލާފައިވާ ދަރިއެއް ބޮޑު ކުރަން މަޖުބޫރުވެފައެވެ.