ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ބަލިކޮށް މިފަހަރުގެ ޔޫރޯ ގެ ފައިނަލަށް ފްރާންސް ދަތުރުކޮށްފި އެވެ.
މުބާރާތުގެ ފައިނަލާ ހަމައަށް ފްރާންސް ގޮސްފައިވާއިރު އެޓީމު ވެފައިވަނީ މުބާރާތުގައި އެއް ހަމައެއްގައި މޮޅު ކުޅުމެއް ދައްކާފައިވާ ހަމައެކަނި ޓީމަށެވެ.
ރޭގެ މެޗު ފްރާންސް ކާމިޔާބުކޮށްފައި ވަނީ 0-2 އިންނެވެ. ފްރާންސްގެ ދެގޯލުވެސް ޖަހާފައިވަނީ ޒުވާން ފޯވާޑް ގްރީޒްމެންއެވެ.
ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޖަރުމަނު ކުޅުނު ނަމަވެސް ފްރާންސް ވަނީ ޑިފެންސުގައި ގަދަދައްކައި ކައުންޓާގައި ބާރުގަދަކޮށްފައެވެ.
މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފު ނިމެނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްފައިވަނީ ގްރީޒްމެންއެވެ. ޖަރުމަނުގެ ކެޕްޓަން ޝްވެއިންސްޓައިގާ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅައެއް ދިފާއު ކުރުމުގައި އަތުގައި ޖެހި ރެފްރީ ވަނީ ހޭންޑު ބޯޅައެއް ކަމުގައި ނިންމައި ފްރާންސަށް ޕެނަލްޓީ ދީފައެވެ.
ދެވަނަ ހާފުގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޖަރުމަނެވެ. ނަމަވެސް ގޯލެއް ކާމިޔާބުނުކުރެވި 70 މިނެޓު ފާއިތުވިފަހުން ފްރާންސުން ވަނީ ލީޑު ފުޅާކޮށްފައެވެ.
72 ވަނަ މިނެޓުގައި ކީޕަރު ނޮޔާ ދުރަށް ފޮނުވާލަން އަތުން ޖެހި ބޯޅަ ލިބިފައިވަނީ އޭރިޔާ ތެރޭގައި ހުރި ގްރީޒްމެންއަށެވެ. ފަސޭހަކަމާއެކު އޭނާ ވަނީ ގޯލު ކީޕަރަށް އިތުރު ފުރުސަތެއް ނުދީ ކާމިޔާބުކޮށްފައެވެ.
ޓީމުގެ އިތުބާރު ޑިފެންޑަރު ހަމެލްސް ނުލާ ކުޅުނު މިމެޗުގައި އޭނާގެ ބަދަލުގައި ކުޅުނު ހަވްޑީސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
އާއްދީއްތަ ދުވަހު ކުޅޭ މުބާރާތުގެ ފައިނަލުގައި ބައްދަލު ކުރާނީ 2004 ވަނަ އަހަރުގެ ފައިނަލުގައި ކުޅުނު ޕޯޗުގަލް އާއި 2000 ވަނަ އަހަރުގެ ފައިނަލުގައި ކުޅުނު ފްރާންސެވެ.
ޕޯޗުގަލް ވަނީ އެންމެ ފަހަކަށް ކުޅުނު ފައިނަލުން ބަލިވެފައެވެ. ފްރާންސް ވަނީ އެންމެ ފަހަކަށް ކުޅުނު ފައިނަލުން މޮޅުވެ ތަށި ހޯދާފައެވެ.
ފްރާންސަކީ މީގެ ކުރިންވެސް އަމިއްލަ ގައުމުގައި މުބާރާތް ބާއްވައި ތަށި ހޯދާފައިވާ ގައުމެކެވެ.