ފޭދޫ މަގެއްގެ މަތީގައި ޕާކްކޮށްފައި އޮތް ދެ ކާރެއްގައި ރޭ ދަންވަރު ބަޔަކު ރޯކޮށް އަންދާލައިފި އެވެ.
ފޭދޫ މިސްރާބު ރީތި ފިހާރަ ކައިރީގައި އޮތް ދެ ކާރުގައި ރޯކޮށްލުމުން އޭގެ ތެރެއިން އެއް ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައި އެވެ. އެ ކާރުގެ ކުރީގައި އޮތް ކާރުގެ ފަހަތުން ވެސް ބައެއް ވަނީ ވަރަށް ބޮޑަށް އަނދައިފަ އެވެ.
މަންޒަރު ދުށް މީހަކު ބުނީ ކާރުގައި ރޯކޮށްލާފައި ހުއްޓާ ފެނުމާ އެކު ވަގުތުން އެ ސަރަހައްދުގެ ގޭގެ ބައެއް މީހުންނަށް ގޮވައި ކާރުތަކުގައި ހިފާފައިވާ އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށެެވެ.
މި ހާދިސާގައި ކާރުތައް އޮތް ފިހާރައިގެ ބޭރަށް ވެސް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައިވެ އެވެ. އަދި ފިހާރަ ހުންނަ އިމާރާތުގެ މަތީ ބުރިއަކީ ބަޔަކު ދިރިވެސް އުޅެމުން އަންނަ ތަނެކެވެ.
ކާރުތަކުގައި ރޯކޮށްލީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ކޮން ބަޔަކު ކަމެއް ނޭނގެ އެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.