އައްޑޫގެ މިސްކިތްތަކާ ގުޅޭ ކަންކަން އިސްލާމިކް މިނިސްޓްރީގެ އެންމެ މުވައްޒަފަކު ލައިގެން ނުކުރެވޭނެ ކަމަށް ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާގެ ރައީސް ޝެއިހް މުހައްމަދު އަނީލް މިއަދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެސްކެއް އައްޑޫގައި ގާއިމުކޮށް އެތަނަށް ހުންނަނީ ކޯޑިނޭޓަރު އައްޔަންކޮށްފަ އެވެ.
އެކަަމަށް އިޝާރާތް ކުރައްވައި އަނީލްފެ ފޭސްބުކް ޕޭޖްގައި ވިދާޅުވީ އައްޑުއަކީ ދެވަނަ އެންމެ ގިނަ މިސްކިތްތައް ހުރި ސިޓީ ކަމަށެވެ.
"މިސްކިތްތަކާއި މިސްކިތްތަކުގެ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑެސްކެއް އެންމެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު ލައިގެން އެކަމެއް ނުވާނެ ޔަގީން" ކަމަށެވެ.
އައްޑޫގެ މިސްކިތްތައް ކުރިން ބަލަހައްޓަމުން އައީ އައްޑޫ ސިޓީ ކައުންސިލުންނެވެ.
އެހެން ނަމަވެސް މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިސްކިތްތަކާއި މިސްކިތްތަކުގެ މުވައްޒަފުން ވަނީ އަލުން އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
މިކަމާ ގުޅިގެން ކައުންސިލާއި އައްޑޫގެ ވަަރަށް ގިނަ ރައްޔިތުން ވެސް ދަނީ މިސްކިތްތައް މިހާރު އެކަށީގެންވާ ގޮތަކަށް ނުބެލެހެއްޓޭ ކަަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އައްޑޫގައި 60 އަށް ވުރެ ގިނަ މިސްކިތް ހުރި އިރު، މީގެ ތެރެއިން ގިނަ މިސްކިތްތަކަކީ ހެޔޮއެދޭ ފަރާތްތަކުން ބަލަހައްޓަމުން އަންނަ މިސްކިތްތަކެއްކަން ފާހަގަކޮށްލެވެ އެވެ.