Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

"ޓްރަސްޓް ފަންޑް" ގެ ކޮމިޓީގައި ބައިވެރިވާން ފުރުސަތެއް

އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑް" ގެ ނަމުގައި ފަންޑެއް އުފައްދައި އެ ފަންޑްގެ ހިންގާ ކޮމިޓީގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން މިއަދު ހުުޅުވާލައިފި އެވެ.

މި ފަންޑް އުފައްދާފައި ވަނީ މެއި 5، 2016 ގައި ކަމަށް ކައުންސިލުން ބުންޏެވެ.

ފަންޑްގެ ބޭނުމަކީ އައްޑޫ ސިޓީ ކައުންސިލްގައި ހިމެނޭ ދާއިރާގެ ރައްޔިތުންނާއި ދާއިރާގެ ތަރައްގީ އަށް އެހީތެރިވުމަށް އެދޭ ރާއްޖޭގެ ހިންގާ ވިޔަފާރިތަކުންނާއި އެ ނޫން ވެސް ފަރާތްތަކުން އައްޑޫގެ ތަރައްގީ އަށް ހަރަދު ކުރަން ދޭ ފައިސާ ސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑްގެ ޓްރަސްޓް ސްޓޭޓްމަންޓް ޖަދުވަލު އެކެއްގައި ކަނޑައެޅިފައިވާ ގޮތަށް ބޭނުން ކުރަން ޖެހެންދެން ޖަމާކޮށް ބެހެއްޓުމެވެ.

* ފަންޑުން ހަރަދު ކުރަން ހަމަޖެހިފައިވާ ދާއިރާތަކަކީ:

1. އިގުތިސާދީ އެކިއެކި މަސައްކަތް ކުރުން
2. އިޖުތިމާއި ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރުން
3. އަންހެނުން ބާރުވެރި ކުރުވަން އެކިއެކި މަސައްކަތްތައް ކުރުން
4. ފަންޑް ދިރުވުމަށްޓަކައި ކުރަން ޖެހޭ ވިޔަފާރިތަކާއި އިންވެސްޓްމަންޓްތައް ކުރުން

ކައުންސިލުން ބުނީ ޓްރަސްޓް ފަންޑްގެ ކޮމިޓީ އެކުލަވާލަން ނިންމާފައި ވަނީ އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ވެސް ހިމެނޭ ގޮތަށް އެކުލަވާލެވޭ އަށް މެމްބަރުން ހިމެނޭ ކޮމިޓީއަކާ އެކުގަ އެވެ.

މީގެ ތެރޭގައި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އާއި އިޖުތިމާއީ ދާއިރާއިން ބޭފުޅަކު، ޓޫރިޒަމް ދާއިރާ އިން ބޭފުޅަކު، ސިނާއަތާއި ގަނެވިއްކުމުގެ ވިޔަފާވެރިން ބޭފުޅަކު އަދި އާންމު ރައްޔިތުންގެ ތެރެއިން މެމްބަރަކު ހިމެނެ އެވެ.

އެހެންވެ ކޮމިޓީގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރުވެފައިވުމާއި އައްޑޫގައި ދިރިއުޅޭ މީހަކަށްވުން ހިމެނެ އެވެ.