ކޯޓުތަކުން ކުރާ ހުކުމަކީ ބާތިލު ހުކުމެއް ކަމުގައި ކަނޑައެޅުމަކީ ބަންޑާރަ ނައިބަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެގޮތަށް އަމަލު ކުރާ ނަމަ ފިޔަވަޅު އަޅާނޭ ކަމަށް ސިވިލް ކޯޓުން އަންގައިފި އެވެ.
ހަވީރުގެ ކުރީގެ މުވައްޒިފުންނަށް ރާއްޖޭގެ އެހެން އެއްވެސް މީޑިޔާގައި ކުރިއަށް އޮތް ދެ އަހަރު ވަންދެން މަސައްކަތް ކުރުމަކީ މަނާކަމެއް ކަމުގައި ސިވިލް ކޯޓުން ހުކުމް ކުރުމަށް ފަހު ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެއީ ޣައިރު ގާނޫނީ ބާތިލު ހުކުމެއް ކަމަށް ބުނެ ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.
ސިވިލް ކޯޓުން ކުރި މި ހުކުމާ ގުޅިގެން ފުރަތަމަ ބަންޑާރަ ނައިބު ވިދާޅުވެފައިވަނީ އެގޮތަށް ސިވިލް ކޯޓުން ހުކުމް ކުރައްވާނެ އެއްވެސް ސަރީހަ ގޮތެއް ނެތް ކަމަށާއި އެއީ އެގޮތަށް ކުރެވިގެން ވާނެ ހުކުމެއް ނޫން ކަމަށެވެ.
ރައްދުގައި ސިވިލް ކޯޓުން ވަނީ އެކޯޓުން ކުރި ހުކުމަކީ ސައްހަ ހުކުމެއް ކަމަށާއި ކޯޓުގެ އަމުރާ ޚިލާފަށް އަމަލު ބަހައްޓައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށް އަންގައި ރައްދު ދީފައެވެ.
ސިވިލް ކޯޓުގެ އެރައްދަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ދެވަނަ ފަހަރަށް ރައްދު ދީ އެއީ ޣައިރު ގާނޫނީ ހުކުމެއް ކަމުގައި ކަނޑައަޅައި ހައި ކޯޓުގައި ހަވީރުގެ މުވައްޒިފުންގެ ދިފާއުގައި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.
އެކަމާ ގުޅިގެން މިއަދު ސިވިލް ކޯޓުން ބަންޑާރަ ނައިބަށް ވަނީ ކޯޓު ހުކުމެއް ބާތިލުކަމަށް ބުނެ އެ ހުކުމަށް އަމަލުނުކުރުމަށް ބަންޑާރަ ނައިބަށް ނޭންގޭނެ ކަމަށް އަންގާފަ އެވެ.
ކޯޓުން ކުރާ ހުކުމް ތަކުގައި އާންމުންގެ މެދުގައި ދެބަސްވުމާއި ނަފްރަތު އުފެއްދުމަށް ބަންޑާރަ ނައިބުގެ އޮފީހުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ހުއްޓުމަށް ވެސް އަންގާފަ އެވެ. އަދި އެކަން ހުއްޓާނުލައިފި ނަމަ ފިޔަވަޅު ވެސް އަޅާނެ ކަމަށް މި އެންގުމުގައި ވެއެވެ.
ޝަރުއީ ކޯޓަކުން ކުރާ ހުކުމެއް ބާތިލު ކަމުގައި ކަނޑައެޅުމަކީ ބަންޑާރަ ނައިބަށް ލިބިފައިވާ ބާރެއް ނޫނެވެ.
ނަމަވެސް އެހުކުމަކީ ބާތިލު ސަރީހައެއްގެ މައްޗަށް ބިނާވެ އަދުލުވެރިކަމާމެދު ޝައްކު އުފެދިއްޖެ ނަމަ ސިވިލް ކޯޓުން ކުރި ހުކުމެއް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ ބާރު ބަންޑާރަ ނައިބަށް ލިބިފައިވެ އެވެ.