މިދިޔަ މާޗް މަހުގެ ދެ ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ހިތަދޫ ބުރުނީގޭ އަލީ އަބްދުﷲ މަރާލި މައްސަލައިގެ ތަހްގީގު ނުނިމޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "އައްޑޫ ލައިވް" އަށް މައުލޫމާތު ދެމުން ވިދާޅުވީ އަލީ އަބްދުﷲ، 47، ގެ މަރުގެ މައްސަލައިގެ ތަހްގީގު އަދިވެސް ނުނިމޭ ކަމަށެވެ.
އެެހެންވެ އެ މައްސަލަ ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ނުފޮނުވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ، މައްސަލައިގެ ތަހްގީގު ކުރިއަށްދާތީ މިކަމުގައި އިތުރު ފަރާތެއް ހައްޔަރު ކުރަންޖެހޭ ކަމެއް ނުވަތަ ނޫންކަން ބުނެވެން ނެތް ކަމަށެވެ.
"މި މައްސަލައިިގެ ތަހްގީގު އަދި ނުނިމޭ. އެހެންވެ އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހާމަ ކުރެވޭކަށް ނެތް. މައްސަަލަ ނިމުނުހާ އަވަހަކަށް ދައުވާ ކުރަން ފޮނުވާނަން،" އޮފިޝަލް ވިދާޅުވި އެވެ.
އަލީ އަބްދުﷲ މަރާލި މައްސަލާގައި އޭނާ އަށް ބޮޑުބޭބެ ކިޔާ މީހެއްގެ އިތުރުން އިތުރު ހަތަރު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އެ ހުރިހާ އެންމެން ވެސް ތަހްގީގަށް މާލެ ގެންގޮސްފައިވާ އިރު، އަލީގެ މަރުގެ މައްސަލާގައި އިންސާފުވެރި ޝަރީއަތެއް ކުރުމަށް ގޮވާލައި ހިތަދޫގެ އާއްމު ރައްޔިތުން ވަނީ ހިނގާލުމެއް ވެސް ބާއްވައިފަ އެވެ.