ފޮރިން މިނިސްޓަރުގެ މަގާމަށް ޑރ. މުހައްމަދު އާސިމް މިއަދު ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރައްވައިފި އެވެ.
އާސިމް މިހާތަނަށް ހުންނެވީ ބަންގްލަދޭޝްގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު ކަމުގެ މަޤާމުގަ އެވެ.
ޑރ. އާސިމަކީ ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވާތާ ގިނަ ދުވަސްތަކެއްވެފައިވާ އަދި އެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ.
އެ މަނިކުފާނު ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފަށްޓަވާފައި ވަނީ އޮކްޓޯބަރު، 24، 2004 ގައި، ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު ކަމުގެ މަގާމަށް ޢައްޔަނު ކުރެއްވި ހިސާބުން ފެށިގެންނެވެ.
އޭގެ ފަހުން، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު ކަމުގެ މަޤާމާއި، ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަޤާމާއި، ޔޫރަޕިއަން ކޮމިޔުނިޓީސް އަށް ދިވެހި ރާއްޖެ އިން ކަނޑައަޅުއްވާ ސަފީރުކަމުގެ މަޤާމު ފުރުއްވާފައިވެ އެވެ.
މީގެ އިތުރުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓެރީ ކަމުގެ މަޤާމާއި، ދިވެހި ދައުލަތުގެ ސަފީރުކަމުގެ މަޤާމުވެސް ޑޮކްޓަރ ޢާޞިމް ފުރުއްވާފައިވެއެވެ. ޚާރިޖީ ދާއިރާ އާ ގުޅިވަޑައިގަތުމުގެ ކުރިން، ރައީސް އޮފީހުގެ އިސް މަޤާމުތަކެއްގައި ޢާޞިމް ވަނީ ޚިދުމަތް ކުރައްވާފަ އެވެ.
އެގޮތުން އެ އޮފީހުގެ ޕްރެޒިޑެންޝަލް އެއިޑް ކަމާއި، ޑިރެކްޓަރ، އެމްޕްލޯއިމަންޓް އެފެއާޒްކަމާއި، ޑިރެކްޓަ ޖެނެރަލް، އެމްޕްލޯއިމަންޓް އެފެއާޒް ކަމުގެ މަޤާމުވެސް ފުރުއްވާފައިވެ އެވެ.
އާސިމް، ޕީއެޗްޑީ ޙާޞިލު ކުރައްވާފައި ވަނީ، ޕޮލިޓިކަލް ސައެންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިންނެވެ. އެއީ، ދަ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވަސިޓީގައި 1999 ވަނަ އަހަރު އެވެ.
އިންޓަނޭޝަނަލް އެފެއާޒުގެ ދާއިރާއިން މާސްޓާޒް ޙާޞިލު ކުރައްވާފައި ވަނީ 1987 ވަނަ އަހަރު އެމެރިކާގެ ދަ ކެލިފޯނިއާ ސްޓޭޓް ޔުނިވަސިޓީންނެވެ.
ޑރ. އާސިމް ފޮރިން މިނިސްޓަރަކަށް އައްޔަން ކުރައްވާފައި މި ވަނީ އެ މަގާމުގައި ކުރިން ހުންނެވި ދުންޔާ މައުމޫން މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެވެ.