އައްޑޫ ސިޓީގެ ހިތަދޫ އަދި ހުޅުމީދޫގައި އަޅަމުން އަންނަ ފްލެޓަށް 585 މީހަކު ކުރިމަތިލައި ފޯމު ހުށައަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާ އިން ހާމަކޮށްފި އެވެ.
ހިތަދޫ ދެކުނު ދާއިރާގައި އަޅަމުން އަންނަ 230 ފްލެޓަށް 448 މީހުން ވަނީ ހިތަދޫ އިން އެކަނި ވެސް ކުރިމަތިލާފަ އެވެ.
މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުން ފޭދޫ އިން 71 މީހަކު ކުރިމަތިލާފައިވާއިރު، މަރަދޫ އަދި މަރަދޫފޭދޫ އިން ޖުމުލަ 54 ފޯމު ވަނީ ފުލެޓަށް އެދި ހުށައަޅާފައެވެ.
ނަމަވެސް ހުޅުމީދޫ އިން ފްލެޓަށް އެދި ހުށައަޅާފައިވަނީ އެންމެ 12 މީހުންނެވެ.
މިނިސްޓްރީން ބުނެފައި ވަނީ އެރަށުން އެހާ މަދު ބަޔަކު ފްލެޓަށް އެދި ހުށައަޅާފައިވަނީ ރަށުގެ ރައްޔިތުންނަށް ލިބެންވާވަރަށް މައުލޫމާތު ލިބިފައި ނުވާތީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ފްލެޓު ތަކަށް އެދި ހުށައެޅި ފޯމުތައް މިހާރު ވެރިފައި ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށާއި ފޯމު އަދި ފޯމާއެކު ހުށައަޅަން ޖެހޭ އެއްވެސް ލިޔެކިއުމެއްގައި ކުށެއް ނުވަތަ މައްސަލައެއް ވާނަމަ އެފޯމު ބާތިލު ކުރާނެ ކަމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.
ސަރުކާރުން އައްޑޫގައި ބޯހިޔާވަހިކަން ހައްލުކުރުމަށް 312 ފްލެޓު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން ހިތަދޫގައި 264 ފްލެޓެއް އެޅުމުގެ މަސައްކަތް ކުރަމުންދާއިރު ހުޅުމީދޫގައި 48 ފްލެޓު ވަނީ އެޅުމުގެ މަސައްކަތް ފަށާފައެވެ.
ފްލެޓުތަކަށް ކޮލިފައިވާ މީހުން ފުރަތަމަ ޑައުން ޕޭމެންޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހެއެވެ. އެފައިސާ ދެއްކުމަށްފަހު މަހަކު ދައްކަން ޖެހެނީ 3،000 ރުފިޔާއެވެ.