ރައީސް ޔާމީނުގެ ސަރުކާރާ ދެކޮޅަށް ދިވެހި ސިޔާސީ އިސްވެރިން ހަދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަނުގެ ނަމުގައި ހަދާފައިވާ އިދިކޮޅު އިއްތިހާދަކީ ޣައިރު ގާނޫނީ ޖަމާއަތެއް ކަމުގައި ބުނެ ހައުސިންގ މިނިސްޓަރު މުއިއްޒު ތުހުމަތުކޮށްފިއެވެ.
އިއްތިހާދުން މިރޭ މާލޭގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު އިއްޔެ ހައުސިންގ މިނިސްޓްރީ އިން ވަނީ ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކުރަން ނިންމައި، ފަހުން އެ ނިންމުން ބާތިލު ކޮށްފައެވެ.
މިމައްސަލަ އާއި ގުޅިގެން މިއަދު ހައުސިންގ މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވަނީ އިދިކޮޅު އިއްތިހާދަކީ ޣައިރު ގާނޫނީ ޖަމާއަތެއް ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކާފައެވެ.
އަދި އެފަދަ ޖަމާއަތަކުން ހިންގާ ޣައިރު ގާނޫނީ ހަރަކާތަކަށް ރާއްޖެއިން ފުރުސަތެއް ނުލިބޭނެ ކަމަށްވެސް މިނިސްޓަރުގެ ވާހަކައިގައި ހާމަކޮށްފައިވެއެވެ.
"ޣައިރު ގާނޫނީ ބަޔަކު ބައްދަލުވުންތައް ބާއްވާކަށް އެންމެ އިންޗިއެއްވެސް ނުދޭނަން" މުއިއްޒު ނޫސްވެރިންނާ ބައްދަލުކޮށް އިއްޔެގެ ނިންމުން އޮޅުންފިލުވައިދެމުން ބުނެފައިވެއެވެ.
ނަމަވެސް ގާނޫނާއި ގަވާއިދާ އެއްގޮތަށް ބާއްވާ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް އަބަދުވެސް ސަރުކާރު މަރުހަބާ ކިޔާނެކަމަށާއި ގަވާއިދާ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލުމުގެ މަގުސަދުގައި މާލެ ތެރޭ ހަމަނުޖެހުމާ ފިތުނަ ފަސާދަ އުފެއްދުމަށް ހައުސިންގ މިނިސްޓްރީއިން ޖާގަ ނުދޭނެ ކަމަށްވެސް މިނިސްޓަރު ބުނެފައިވެއެވެ.
ނޫސްވެރިންނަށް ސުވާލުކުރުމަށް ފުރުސަތު ނުދީ ބޭއްވި 'ނޫސްވެރިންގެ' ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އެމްޑީޕީއަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނީ ސަރުކާރުން ގެޒެޓްކޮށްފައިވާ ބިންތައް އެކިއެކި އުސޫލުން ދޭ ގޮތާ ގޮތަށް ސުލްހަވެރި ހަރަކާތެއްގެ ގޮތުގައި އެ ބިން ބޭނުން ކުރަން ކަމަށެވެ.
ހުއްދަ ބާތިލުކޮށްފައިވަނީ ކާނިވާ ސަރަހައްދުގައި އެމްޑީޕީ ނޫން އެހެން ބަޔަކު(އިއްތިހާދު) ހަރަކާތްތެރިވާނެކަން އެމްޑީޕީގެ ރަސްމީ ޓްވިޓާ އެކައުންޓުން ޓުވީޓުކޮށްފައިވާތީއެވެ.
ސަރުކާރުން ހުއްދަ ބާތިލު ކުރުމުންވެސް އެމްޑީޕީ އިން ބުނެފައިވަނީ ސަރުކާރުގެ އެއްބާރުވުމާ ނުލައިވެސް ޖަލްސާ ބާއްވާނެ ކަމަށެވެ. ނަމަވެސް އެބޭފުޅުންގެ ހަރަކާތްތަކަށް ސަރުކާރުން ހުރަސް ނޭޅުމަށް އެމްޑީޕީ އިން ވަނީ އެދިފައެވެ.