އިނގިރޭސި ކްލަބް ޗެލްސީ އިން ޕްރިމިއާ ލީގު ޗެމްޕިއަން ލެސްޓާ ސިޓީގެ ންގޮލޯ ކަންޓޭ އަށް 27 މިލިޔަން ޕައުންޑުގެ ބިޑެއް ހުށައަޅައިފިއެވެ.
އަދި ކަންޓޭގެ ފީ އަށް ލެސްޓާ ސިޓީއިން އެއްބަސް ނުވަނީސް މިހާރު މިޑްފީލްޑުގައި ކުޅެމުން އަންނަ ނެމާންޖާ މަޓިޗް ޔުވެންޓަސް އަށް ވިއްކާނުލާނެ ކަން ޓީމުން ވަނީ ހާމަކޮށްފައެވެ.
ލެސްޓާ އިން ކަންޓޭ ޓީމުގައި މަޑު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ އިރު ކަންޓޭއަކީ ޓްރާންސްފާ ސީޒަން ނުފެށެނީސް ޓީމު ދޫކޮށްލާނެ ކަމަށް ޚަބަރު ފެތުރިފައިވާ ކުޅުންތެރިއެކެވެ.
ލެސްޓާ އިން ވަނީ ޓީމުގެ ފޯވާޑް ޖޭމީ ވާޑީ ކުލަބުގައި މަޑު ކުރުމަށް ކޮންޓްރެކްޓް އާކޮށްފައެވެ. ނަމަވެސް މިޑްފީލްޑަރުން ކަންޓޭ އަދި ރިޔާދް މަހުރޭޒު ގެ އަންނަ ސީޒަނުގައި ފެންނާނެ ޓީމެއް ޔަގީން ނުކުރެވެއެވެ.
މިދިޔަ ސީޒަނުގައި 5.6 މިލިޔަން ޕައުންޑާއެކު ކައެން ނަމަކަށް ކިޔާ ޓީމަކުން ލެސްޓާ ކަންޓޭ ގެނެސްފައިވާއިރު އޭނާ ކުލަބު ދޫކޮށް ދާން ބޭނުން ކަމުގައި ވާނަމަ ކުލަބުން އޭނާ ފޮނުވާނެއެވެ. ނަމަވެސް އޭނަ ކުލަބުގައި މަޑުކޮށްފިނަމަ ބޮޑެތި ބޯނަސް ތަކެއް ކުލަބުގެ ވެރިންގެ ފަރާތުން ލިބޭނެކަމަށް ބެލެވެއެވެ.
ކަންޓޭ އަކީ މިދިޔަ ސީޒަނުގައި ލެސްޓާއަށް މެދުތެރެއިން އެންމެ މުހިއްމު ރޯލެއް ކުޅުނު ކުޅުންތެރިޔާއެވެ. އަދި ނިމިގެން ދިޔަ ޔޫރޯގައި ފްރާންސު ޓީމަށްވެސް އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.