ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ ސީ ޕްލޭން ބޭސް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހިދުމަތަށް ހުޅުވާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
އައްޑު އާއި ފުވައްމުލަކުގެ ބަހުގެ ހިދުމަތް އިފުތިތާހު ކުރަން ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީ ޕްލޭން އޮޕަރޭޓް ކުރެވޭ ވަރު ވާނެ ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރެވި ހުޅުވިގެން މިދަނީ މި ސަރުކާރުގެ މަސައްކަތްތަކުގެ ތެރެއިން. ވަރަށް ހިންގުންތެރި ބޭފުޅެއް އެއާޕޯޓް ކަންތަކާ ހަވާލުވެ ހުންނެވީ އިބްތިޝާމް،" އޭނާ ވިދާޅުވި އެވެ. "އިއްތި ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައި ސީޕްލޭން ހަބެއްގެ ގޮތުގައި ސީ ޕްލޭން ގަމުން އޮޕަރޭޓް ކުރާނެ. ކޮބައިތޯ އޭގެ މާނައަކީ؟ އޭގެ މާނައަކީ އެ ބޭފުޅުންގެ ވިސްނުން އެހެރީއޭ ހަމަ މިހާރު ވެސް މި އެއާޕޯޓް ހަގީގީ އިންޓަނެޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހިންގުން."
މިނިސްޓަރު އަދި ވިދާޅުވީ އެއާޕޯޓް ހިންގާ ކުންފުނީގެ ވިސްނުން ހުރީ މި އެއާޕޯޓަކީ ހަގީގީ ތަނަކަށް ހެދުމަށް ކަމަށެވެ.
ސައީދު ވިދާޅުވީ އެއާޕޯޓްގެ ރަންވޭ ބޮޑު ކުރުމުގެ މަސައްކަތް ވެސް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އައްޑޫ އެއާޕޯޓް ފުޅާކުރަން ގެންދާ މަޝްރޫއު ވެސް ކާމިޔާބު ކަމާ އެކު ނިންމާ އެއާޕޯޓް ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"މި ރަށަށް، ގަމަށް މީހުން ގެނެސްގެން ކައިރި ހިސާބުތަކަށް މީހުން ގެންދިއުމަށް ވިސްނުން ހުރީ. މިއީ ނޫންތޯ ތަރައްގީއަކީ،" މިނިސްޓަރު ވިދާޅުވި އެވެ.