އައްޑޫގައި މިހާރު ހިންގަމުން ހެރަތެރަ ރިސޯޓާއި ޝަންގްރިއްލާ ވިލިގިލި ރިސޯޓްގެ އިތުރުން ގަމުގެ އިކުއޭޓަ ވިލެޖް ތަރައްގީކޮށް ހިންގަން ބަޔަކާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ވެސް ދީފައި ވަނީ ބިޑް ކުރުމަކާއި ނުލައި ކަމަށާއި، މިއަދު އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ކަމަށްރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރަހިމްދީދީ (އައިބީ) ފާޑު މައުމޫނަށް ވިދާޅުވެއްްޖެ އެވެ.
އައްޑޫ އަދި ފުވައްމުލަކުގެ ދަތުރުފަތުރުގެ ނިޒާމް އަލުން އިފްތިތާހް ކުރުމަށް ފޭދޫ ބަނދަރުމަތީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ ރާއްޖޭގައި ކުރިން ވެރިކަން ކުރި ހުރިހާ ސަރުކާރަކުން ވެސް ފަތުރުވެރިކަމަށް ބިޑް ކުރުމަކާއި ނުލައި ރަށްތައް ދޫކޮށްފައިވާ ކަމަށެވެ. އަދި އަދުގެ ސަރުކާރުން އެކަން ކުރަނީ ގާނޫނަށް އިސްލާހު ގެނެސް ހަރުދަނާ ގޮތަކަށް ކަމަށެވެ.
އައިބީ ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށް ދޭން ބޭނުންވާ ކަންކަމަށް ފައިސާ ހޯދައި ދިނުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާން ތައްޔާރަށް ހުރި ކަމަށެވެ.
"މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރި ހުރިހާ ސަރުކާރަކުން ވެސް ފަތުރުވެރިކަމަށް ބިޑް ކުރުމެއް ނެތި ރަށްތައް ދޫކުރި، ރައީސް މައުމޫންގެ ސަރުކާރުގައި މިއޮތް ޝަންގްރިއްލާ އާއި ހެރަތެރަ މިއޮތް ދޫގަސް ދީފައި ވަނީ ބިޑެއް ނެތި. ބިޑް ނުކޮށް،" އައިބީ ވިދާޅުވި އެވެ. "އެހެން ނަމަވެސް މިއަދު ބިޑް ނުކޮށް ރަށްތައް ދޫކުރާ ވާހަކަ އެބަ ދައްކާ. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުން ގާނޫން އިސްލާހު ކުރި އިރު ކުރީގައި ޓޫރިޒަމް ގާނޫގައި ނެތް މިހާރު އަޅުގަނޑުމެން ބޭނުންވާ އެތައް ސިފައެއް މިއަށް ލާފައި ހުންނާނީ."
އޭނާ ވިދާޅުވީ މިހާރު އިސްލާހު ގެނެވުނު ގޮތުން ރަށްތައް ދޫކުރާނީ އޮޑިޓަ ޖެނެރަލާއި އޭސީސީ އަށް އެ މައުލޫމާތުތައް ހިއްސާ ކުރުމަށް ފަހު ކަމަށެވެ.
"މިހާރު ކޮބައިތޯ މިއީ ވައްކަމެއްތޯ؟ މީގެ ކުރިން މީން އެއްވެސް ކަމެއް ނުކުރޭ،" އައިބީ ވިދާޅުވި އެވެ. "ހިތަށް އެރި ގޮތކަށް ރަށްތައް ބަހާލީ. އެހެންވީމާ މިކަހަލަ އިލްޒާމްތައް ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ބޮލުގައި އަޅުވާ އިރު ތަފާތު ގޮތްގޮތަށް ވާހަކަ ނުދެއްކުމަށް އަޅުގަނޑު މި ފުރުސަތުގައި ގޮވާލަން."
އައިބީ ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ކަންކަމަށް ބޮޑެތި ހޭދަކުރަމުން އަންނަ މަންޒަރު އެންމެނަށްވެސް މިހާރު ފެންނަމުންދާނެ ކަމަށެވެ. އެގޮތުން ފޭދޫގެ ބިން ހިއްކުމާއި، އެއާޕޯޓް މަޝްރޫއާއި، ދަތުރުފަތުރުގެ ކަންކަމަށް އަލި އެޅުއްވިއެވެ.
"ބައެއް ބޭފުޅުން ވިދާޅުވި، ކިހިނެއްހޭ ފޭދޫ ބިން ހިއްކާނީ، އެބޭފުޅުންނަށް އެނގޭ އެކަން ކުރެވޭނެ ކަންވެސް، ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ދެބައިކުޅަ އެއްބައި ނިމުނު އިރު ފޭދޫ ބިން މިއޮތީ ހިއްކާ ދެއްވާފައި"
އައިބީ ވިދާޅުވީ މި ސަރުކާރުން ތަރައްޤީގެ ކަންކަން ކުރަމުން ގެންދަނީ ވަރަށް ބާރު ސްޕީޑެއްގައި ކަމަށެވެ.
"މީ ސުލައިމާން ނަބިއްޔާ ކަލޭގެ ފާނުގެ ދުވަސްވަރެއް ނޫން، ޖިންނި ޝައިޠާނުން ނޫން ބިން ހިއްކާ" އައިބީ ވިދާޅުވިއެވެ.
ސަރުކާރުން ބިޑް ކުރުމަކާއި ނުލައި ރަށްތްއް ދޫކުރުމަށް ހުށަހެޅި އިސްލާހާއި ގުޅިގެން ޕީޕީއެމް ތެރޭގައި ހިޔާލް ތަފާތުވެ، ރައީސް މައުމޫން ފާޅުގައި އެކަމާއި ހައްދަވަމުން ދަނިކޮށް މަޖްލިސްއިން ވަނީ އެއިސްލާހް ފާސްކޮށްފައެވެ.
ރޭގެ ބައްދަލުވުމުގައި އައިބީ ނުސީދާކޮށް ރައީސް މައުމޫނަށް ފާޑުވިދާޅުވި، އިރު ބިޑް ކުރުމަކާއި ނުލައި ރަށްތައް ދޫކުރުމަށް ހުށަހެޅި އިސްލާހަށް އައިބީ ވަނީ ވޯޓު ދެއްވާފައެވެ.