ހުޅުމީދޫގައި ސްލިޕްވޭއަކާއި ރެސްޓޯރަންޓެއް ގާއިމު ކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
އެ ރަށުގައި ރޭ ބޭއްވި ޖަލްސާއެއްގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ ހުޅުދޫމީދޫގައި ކަނޑައަޅާ ސަރަހައްދަކުން ބިމެއް ކަނޑައަޅައި، ސްޕިޕްވޭއެއް ގާއިމް ކުރާނެ ކަމަށެވެ.
މީގެ އިތުރަށް ދަތުރުފަތުރުގެ ނިޒާމު ބޭނުން ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އެ މީހުންނަށް ބޭނުން ވާނެ ގިނަ ހިދުމަތްތައް ވެސް އެމްޕީއެލް އިން ވިޔަފާރީގެ ގޮތުގައި ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ހުޅުމީދު އަށް ވަންނަން ކުރު މަގެއް ފަހި ކުރުމުގެ ގޮތުން އިތުރު ނެރެއް ކެނޑުމަށް ނިންމާފައިވާ ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ.
"މިކަމަކީ އަޅުގަނޑު ވާހަކަ ދައްކަ ދައްކައި ހުންނާނެ ކަމެއް ނޫން. މިހާރުވެސް މަޝްވަރާކޮށްފައި އޮންނާނީ މިކަމާ ބެހޭ މައުލޫމާތު ހަމަ ލިބޭއިރަށް ކޮންފޯމްކޮށްފަ މަސައްކަތް ފަށާނަން. ދަތުރުފަތުގެ ނިޒާމެއް ފެށިގެންދާއިރު މިތަނަށް ރައްޔިތުން ޖަމާވާނެ،" ޖުނައިދު ވިދާޅުވި އެވެ. "އެހެންވެ ރައްޔިތުންނަށްޓަކައި އަދި އަޅުގަނޑުމެންނަށް ވެސް ފައިދާ ލިބޭ ގޮތަށް މި މަސް ތެރޭގައި މިތަނުގައި [މީދޫ ބަނދަރު ސަރަހައްދުގައި] ގައި ރެސްޓޯރެންޓެއް އަޅަން ފަށާނަން،"
ޖުނައިދު ވިދާޅުވީ މި މަޝްރޫއުތަކަކީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ.
"މިއީ އަޅުގަނޑު މިރޭ މިތާގަ ހުރެގެން ޑިސައިޑްކުރި ކަމެއް ނޫން. އަޅުގަނޑު ހިސާބުތަކެއް ހަދާ ގެއްލުންވާނެކަން އެނގި ހުރެ ފަށަން އުޅޭ ކަމެއް." އޭނާ ވިދާޅުވި އެވެ.
އެމްޕީއެލުން ވަނީ އައްޑޫގައި 100 އެނދުގެ ސިޓީ ހޮޓަލެއް ވެސް ތަރައްގީ ކުރާނެކަން އިއުލާންކޮށްފަ އެވެ.