ހުކުރު ދުވަހުގެ ރޭ ތުރުކީގެ އަސްކަރިއްޔާ އިން ހިންގި ބަޣާވާތް ފެއިލް ވުމަށްފަހު ހައްޔަރު ކުރި މީހުންގެ އަދަދު 6000 އަރައިފި އެވެ.
ސިފައިންނާއި މަތީ ރޭންކުގެ އޮފިސަރުންގެ އިތުރުން ފަނޑިޔާރުން މަގާމުތަކުން ވަކިކޮށް ހައްޔަރުކޮށްފައިވެއެވެ. އެގޮތުން 3000 އަށްވުރެ ގިނަ ސިފައިން ހައްޔަރުކޮށްފައިވާއިރު ބްރިގޭޑް ކޮމާންޑަރަކުވެސް ވަނީ ހުޅަނގު ޕްރޮވިންސުން ހައްޔަރުކޮށްފައެވެ.
ބަޣާވާތުގައި ހިމެނޭ ކަމަށް ބެލެވޭ 2700 ފަނޑިޔާރުންވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އާންމު ރައްޔިތުންނާއި ބާޣީންނާ ދެމެދު ހިނގި ކުރިމަތިލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 265 އަށް އަރާފައެވެ.
ތުރުކީ ރައީސް ތައްޔިޕް އެރްޑޯގަން ވަނީ މިކަމާ ގުޅިގެން ގައުމުގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާނެ ކަމަށް ބުނެފައެވެ.
އޭނާ ތުހުމަތު ކުރަނީ އެމެރިކާއާ ގުޅުން އޮންނަ ފެތުހުއްލާ ގުލެން އަކީ މިކަމުގެ އަޑީގައި ހުރެ މިކަން ރޭވި މީހާއެވެ. ނަމަވެސް ގުލެން ވަނީ މިތުހުމަތު ތަކަށް އިންކާރުކޮށްފައެވެ.
ހުކުރު ދުވަހުގެ ރޭ ހިނގާދިޔަ މި ބަޣާވާތް ފެށުނީ އަސްކަރިއްޔާގެ ބައެއް ޓޭންކާއި މިލިޓަރީ ޖެޓުތަކާއެކު ބްރިޖްތަކުން ރަށުތެރެއަށް އަރައި ރައްޔިތުންގެ މަޖިލިސް ދިމާލުން އަރައިގަނެގެންނެވެ.
ވަގުތުން ގައުމުގެ ރައީސްވަނީ އަމިއްލަ ޖެޓެއްގައި ގައުމުން ބޭރަށް ފިއްލަވާވަޑައިގެންފައެވެ. ނަމަވެސް އާންމު ރައްޔިތުންގެ އަރިހުން މަގުމައްޗަށް ނިކުމެ ބާޣީންނާ ކުރިމަތިލުމަށް އޭނާ ވަނީ އެދިފައެވެ.
ނަތީޖާއެއްގެ ގޮތުން ބާޣީންނަށްވުރެ ރައްޔިތުން ގިނަވެ ފަހު ޒަމާނެއްގައި ފެނިގެންގޮސްފައިނުވާވަރުގެ ގަތުލުއާންމެއް ހިންގުމުގެ ބަދަލުގައި ބަޣާވާތުގެ ބައިވެރިންވަނީ އަމާން ދީފައެވެ.