ފުރާވަރުގެ ކުދިންނަށް އަމާޒުކޮށްގެން ފުލުހުން ބާއްވާ ދެ ރެޑީ ކޭމްޕް އައްޑޫގައި ބާއްވަން ނިންމައު މިކަމާ ގުޅޭ މައުލޫމާތު ބެލެނިވެރިންނާއި ކަމާ ގުޅުން ހުރި އެހެން ފަރާތްތަކާއި އައްޑޫ ސިޓީ ކައުންސިލާ ހިއްސާކޮށްފި އެވެ.
ހުޅުމީދޫ އާއި ފޭދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ ރެޑީ ކޭމްޕާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުންތަކުގައި ވަނީ ހުޅުމީދޫ ސްކޫލުގެ ދަރިވަރުންނަށާއި އެ ސްކޫލުގެ ބެލެނިވެރިންނަށާއި ފޭދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން އައްޑޫ ސިޓީގެ ކަމާ ބެހޭ މުއައްސަސާތަކަށް ދީފަ އެވެ.
އެގޮތުން ރެޑީ ކޭމްޕުގެ މަޤުޞަދާއި ރެޑީ ކޭމްޕު ކުރިއަށްދާ ގޮތާއި ހިމެނޭ ހަރަކާތްތަކާއި މި ކޭމްޕުގެ ސަބަބުން ހާސިލް ވާނޭ ކަންކަމާއި ދަރިވަރުންނަށް ކުރާނެ ފައިދާތަކާއި މުއައްސަސާތަކުންނާއި ބެލެނިވެރިންގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި ގުޅޭ ގޮތުން ފުލުހުން ވަނީ މަޢުލޫމާތު ދީފަ އެވެ.
އައްޑޫގައި ބާއްވާ ފުރަތަމަ ކޭމްޕު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21-23 އަށް ހުޅުމީދޫގަ އެވެ. ދެވަނަ ކޭމްޕް ބާއްވާނީ މި މަހުގެ 28-31 އަށް ފޭދޫ ސްކޫލްގަ އެވެ.
ސްކޫލު މަދަރުސާތަކުގެ ގްރޭޑް 8 އިން މަތީ ގްރޭޑްތަކުގައި ތަޢުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް ބައިވެރިވޭ ގޮތަށް ކުރިއަށް ގެންދާ ރެޑީ ކޭމްޕަކީ ފުލުހުންގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ހޭންޑް އިން ހޭންޑް ގުޅިގެން ހިންގާ ކޭމްޕެކެވެ.
މި ކޭމްޕުގައި ދަރިވަރުންގެ ސްލޫކާއި އަހުލާގު ހެޔޮ ގޮތުގައި ބައްޓަންކޮށް ސިފަވަންތަ ދިރިއުޅުމަކަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު ފޯރުކޮށް ދީ ޞިއްޙަތާއި ދުޅަހެޔޮކަމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ހިންގޭނެ އެވެ.