އައްޑޫގެ މިސްކިތްތަކާއި މިސްކިތްތަކުގެ މުވައްޒަފުންގެ ކަންކަމުގައި އަައްޑޫ ސިޓީ ކައުންސިުން ފޯރުކޮށް ދެމުން ގެންދިޔަ އިދާރީ އެހީތެރިކަން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކައުންސިލުން ހުއްޓާލުމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގެ ޓީމެއް އައްޑު އަށް އަތުވެއްޖެ އެވެ.
އެ ޓީމް މިހާރު އަންނަނީ ކައުންސިލާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަމުންނެވެ. ޓީމްގައި އިސްކޮށް މިނިސްޓްރީގެ ފަރާތުން ހުންނެވީ ސްޓޭޓް މިނިސްޓަރު އަލީ ވަހީދެވެ.
މި ބައްދަލުވުގައި އައްޑޫގައި ހުންނަވާ އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު ހިޝާމް އަހުމަދު ވެސް ބައިވެރިވެވަަޑައިގަންނަވަ އެވެ.
އަލީ ވަހީދު ވަނީ އިސްލާމިކް މިނިސްޓްރީން އައްޑޫގައި ގާއިމު ކުރަން ނިންމާފައިވާ ޑެސްކް ގާއިމު ކުރާނެ ޖާގަ ތަނަވަސްކޮށް ދިނުމަށް ކައުންސިލްގައި އެދިފަ އެވެ.
މިނިސްޓްރީން އަދި ވަނީ ސިޓީއަކުން އެ މިނިސްޓްރީގެ މަސައްކަތްތައް އައްޑޫގައި ރަސްމީކޮށް ފެށެންދެން ކުރިން ވެސް ކައުންސިލުން ފޯރުކޮށް ދިން އެހީތެރިކަން ފޯރުކޮށް ދިނުމަށް އެދިފަ އެވެ.
އައްޑޫގެ މިސްކިތްތަކާ ގުޅޭ އެންމެހައި ކަންކަން ކައުންސިލުން ބަލަހައްޓަމުން ދަނިކޮށް ލާމަރުކަޒީ ގާނޫނަށް ގެނެއި އިސްލާހަކާ ގުޅިގެން މިސްކިތްތައް މިދިޔަ ޖެނުއަރީ މަހު ވަނީ އަލުން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
މިކަމާ ގުޅިގެން ކައުންސިލުން ދަނީ މިސްކިތްތައް ނުބަހަލައްޓައި މިސްކިތްތަކާ ދޭތެެރޭ މިނިސްޓްރީން އިހުމާލުވަމުންދާ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.