މި ފަހަކަށް އައިސް ކެއްކުމުގެ ތެރޭގައި ވަރަށް އާންމުކޮށް އެލްމިނިއަމް ފޮއިލް ގިނަ ބަޔަކު ބޭނުން ކުރާ ތަން ފެނެ އެވެ. އަދި ބައެއް ފަހަރު އޯޑަރުކޮށްގެން ގެންނަ ކާ އެއްޗެހި ވެސް ހުންނަނީ އެލްމިނިއަމް ފޮއިލްގަ އެވެ. މިއީ ސަމާލު ވާން ޖެހޭ ކަމެކެވެ.
އަވަނުގައި ނުވަތަ އެއާ ފްރަޔާ ފަދަ އެއްޗެއްގައި މަސް ފިހައި ނުވަތަ ތަރުކާރީކޮޅެއް ފަދަ އެއްޗެއް ތައްޔާރުކޮށްލާ އިރު، އެލްމިނިއަމް ފޮއިލްގައި އޮޅާފައި ކާ ތަކެތި ތައްޔާރު ކުރުމަކީ ގިނަ ބަައެއްގެ އާދައެކެވެ.
އެހެން ހަދަނީ ރަހަގަނޑު ހިފަހެއްޓުމަށާއި އަވަން ފަދަ ތަކެތި ހަޑި ވިޔަ ނުދިނުމަށް ކަމަށް ވިޔަސް މިއީ ސިއްހީ ގޮތުން އެއްވެސް ވަރަަކަށް ރައްކާތެެރި ކަމެއް ނޫނެވެ.
އެހެންވެ އެލްމިނިއަން ފޮއިލް ބޭނުން ކުރުން ހުއްޓައިލާށެވެ.
ކެއިރޯގެ އައިން ޝަމްސް ޔުނިވަސިޓީގެ ފަރާތުން ވާހަކަ ދެއްކި ގާޑާ ބެސިއޯނީ ވިދާޅުވީ އޭނާ ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ކާ ތަކެތި ތައްޔާރު ކުރުމުގައި އެލްމިނިއަމް ފޮއިލް ބޭނުން ކުރާ ނަމަ އޭގައި އެކުލެވޭ އެލްމިނިއަމާއި އެ ނޫން ވެސް މާއްދާތައް ކާ އެއްޗެހީގެ ތެރެއަށް ހިޖުރަކޮށް، ސިއްހީ ގޮތުން ތަފާތު މައްސަލަތައް ކުރިމަތި ކުރުވަ އެވެ.
"ކައްކަން ބޭނުން ކުރާ ތެއްޔާއި ތަވާ ފަދަ އެއްޗެހީގައި ވެސް އެލްމިނިއަމް ބޭނުންކޮށްފައި ހުރޭ. އެކަމަކު އެފަދަ އެއްޗެހީގައި އެލްމިނިއަމް ލޭޔަރުގެ މަތިން އިންނާނީ ރައްކާތެރި އެހެން ލޭޔަރެއް އަޅާފައި،" އޭނާ ވިދާޅުވި އެވެ. "އޭގެ ބަދަލުގައި ސީދާ އެލްމިނިއަމް ފޮއިލްގައި ކާ ތަކެތި ތައްޔާރު ކުރުން އެއްގޮތަކަށް ވެސް ރައްކާތެރިއެއް ނޫން."
ބެސިއޯނީ ވިދާޅުވި ގޮތުގައި އެލްމިނިއަމް ފޮއިލްގައި ކާ ތަކެތި ތައްޔާރު ކުރާ ނަމަ ޑަބްލިއެޗްއޯ އިން ކަނޑައަޅާފައިވާ ލިމިޓުން ވެސް ބޭރުން ގިނަ އަދަދަކަށް ހަށިގަނޑަށް އެލްމިނިއަމްގެ މާއްދާތާ ކާ އެއްޗެހިއްްސާ އެކު ހަށިގަނޑުގެ ތެރެއަށް ދިއުމުގެ ފުރުސަތު ބޮޑެވެ.
މީގެ ސަބަބުން ސިކުނޑީގެ މައްސަލަތަކާއި ސިއްހީ ގޮތުން ނުރައްކާތެރި ތަފާތު އެތައް މައްސަލައެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. އޭގެ ތެރޭގައި ކިޑްނީ ފެއިލްވުން ވެސް ހިމެނެ އެވެ.
ފަހުގެ ހޯދުންތަކުން ދައްކާ ގޮތުން ތުރުތުރު އަޅާ ބައްޔާއި ސިކުނޑި އަށް ދިމާވާ ތަފާތު މައްސަލަތަކުގައި ވެސް އެލްމިނިއަމްގެ ދައުރު ބޮޑު ރޯލެއް އަދާ ކުރެ އެވެ.
އެހެންވެ ވީހާ ވެސް ބޮޑަށް ކާ އެއްޗެހި ތައްޔާރު ކުރުމުގައި އެލްމިނިމިއަމް ފޮއިލް ބޭނުން ނުކޮށްވޭތޯ ބަލާށެެވެ. ރައްކާތެރި ގޮތަކީ އެއީ އެވެ.