އދ ހަންޏާމީދޫ ސްކޫލުގެ ޕްރިންސިޕަލް ނާހިދާ އިބްރާހިމްފުޅު މަގާމު އަދާ ކުރުމުގައި ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުން އެސުކޫލުގެ ބެލެނިވެރިން އިސްވެ އެޑިޔުކޭޝަން މިނިސްޓަރަށް ޕްރިންސިޕަލް ބަދަލުކޮށްދެއްވުމަށް އެދި ޕެޓިޝަނެއް ހުށައަޅައިފި އެވެ.
ޖުމުލަ 41 ބެލެނިވެރިއެއްގެ ސޮޔާއެކު ހުށައަޅާފައިވާ މިޕެޓިޝަނުގައި ސްކޫލުގެ ޕްރިންސިޕަލް ކިޔަވާ ކުދިންނާއި ޓީޗަރުން އަދި އެހެނިހެން މުވައްޒިފުންނާ ދޭތެރޭ ތަފާތު ކުރުންތައް ގެންގުޅޭ ކަމަށާއި އެބޭފުޅާގެ އަމަލުތައް ހުންނަ ގޮތުން ރަށުގެ ރައްޔިތުންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެއްބައިވަންތަކަން ގެއްލޭ ހިސާބަށް ކަންތައް ވަނީ ގޮސްފައެވެ.
އަދި ވީހާވެސް އަވަހަކަށް ޕްރިންސިޕަލް މަގާމުން ވަކިކޮށް މަގާމަށް ގާބިލު ބޭފުޅަކު އައްޔަން ކޮށްދެއްވުމަށެވެ.
ބެލެނިވެރިންގެ ތެރެއިން 'އައްޑޫ ލައިވް' އަށް މައުލޫމާތު ދެއްވި ބޭފުޅަކު ބުނެފައިވަނީ ސްކޫލު ތެރޭގައި ކުރިން އޮންނަ އެއްބައިވަންތަކަން މިހާރު އެއްވެސް ގޮތަކަށް ނޯންނަ ކަމަށާއި މިއީ ޕްރިންސިޕަލް ގެންގުޅުއްވާ ތަފާތު ކުރުމުގެ ސަބަބުން އުފެދިފައިވާ ރުޅިވެރިކަމެއް ކަމުގައެވެ.
ބެލެނިވެރިންގެ އިތުރުން ސްކޫލުގައި ކިޔަވައިދޭ ބައެއް ޓީޗަރުންނާއި އެހެނިހެން މުވައްޒިފުންވެސް ވަނީ ޕްރިންސިޕަލްގެ ޒިންމާދާރުކަން ކުޑަކަމާއި، ނާގާބިލު ކަމުގެ ސަބަބުން އެބޭފުޅާ މަގާމުން ދުރުކޮށްދެއްވުމަށް އެދި ޕެޓިޝަނެއް ހުށައަޅާފައެވެ.
މިކަމާ ގުޅިގެން މިނިސްޓްރީގެ ބަހެއް ހޯދާލަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އަދި ސްކޫލުގެ ޕްރިންސިޕަލްގެ ބަހެއް ހޯދާލަން ކުރި މަސައްކަތް ވެސް ވަނީ ކާމިޔާބުވާނޭ ގޮތެއް ނުވެފައެވެ.
ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ހެޑްމާސްޓަރުންގެ ގޮތުގައި މަގާމަށް އެކަށީގެންނުވާ ޒިންމާދާރުކަން ކުޑަ ބޭފުޅުން އައްޔަން ކުރުމުގެ ސަބަބުން ބެލެނިވެރިން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ރަށްތަކުގައި އިހުތިޖާޖުކޮށް ޕެޓިޝަން ހުށައަޅާފައެވެ.
ނަމަވެސް މިނިސްޓްރީ ގެ ފަރާތުން އެއްބާރުލުން ލިބޭ ފަހަރަށްވުރެ ގިނަވެފައިވަނީ ލިބިފައިނުވާ ފަހަރުތަކެވެ.