ކްރިމިނަލް ކޯޓަށް ނޫސްވެރިންނަށް ނުވަދެވޭ މައްސަލަ ހައްލުކޮށް، ނޫސްވެރިންނާއި ކްރިމިނަލް ކޯޓާއި ދެމެދު ގާތް ގުޅުމެއް އުފައްދަވާނެ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވެއްޖެ އެވެ.
ޝަރުއީ ދާއިރާ އިން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ "އޯޕަން ހައުސް މީޑިއާ ވީކް" ގައި މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ކޯޓުތަކުން ކުރިމަތިވާ މައްސަލަތައް ހިއްސާކޮށްފައެވެ.
އެގޮތުން ކްރިމިނަލް ކޯޓަށް ނޫސްވެރިން ނުވެއްދުމާއި، ކޯޓުގެ ރިސަޕްޝަންގައި މަސައްކަތް ކުރާ މުވައްޒަފުންގެ ބަސްމަގު ހުންނަ ގޮތުގެ ވާހަކަ ނޫސްވެރިން ވަނީ ހިއްސާކޮށްފަ އެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތަކުގެ ވާހަކަ އަޑުއެއްސެވުމަށް ފަހު ގަޒީ ބާރީ ވިދާޅުވީ ކްރިމިނަލް ކޯޓުން ނޫސްވެރިންނާއި ވަރަށް ގާތް ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ނޫސްވެރިންނަށް ފަސޭހަ ގޮތްތަކެއް ފަހިކޮށް ދެއްވާނެ ކަމަށް ބާރީ ވިދަޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ކްރިމިނަލް ކޯޓުގެ އިސް ގަޒީ އަބްދުލް ބާރީ ޔޫސުފްގެ އިތުރުން ޑްރަގް ކޯޓުގެ އިސް ގާޒީ އަބްދުއްސައްތާރު ހަމީދު އާއި ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން މާހިރުގެ އިތުރުން ޖުވެނައިލް ކޯޓުގެ އިސްގާޒީ ސައީދު އިބްރާހިމާއި ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
މި ބައްދަލުވުމުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ބައިވެރިވަޑައިގެންފައި ނުވެ އެވެ.
މި ބައްދަލުވުމުގައި ފަނޑިޔާރުން ފާހަގަ ކުރި ކަންތައްތަކުގެ ތެރޭގައި ކޯޓުން ނިންމާ މައްސަލަތަކުގެ އަސްލު އޮޅޭ ގޮތަށް ހަބަރު ލިޔަމުންދާކަން ފާހަގަ ކުރެއްވި އެވެ.