އައްޑޫގެ ގުޅިފައިވާ ހަތަރު ރަށުގެ ބޮޑު މަގުގައި އަޅާފައިވާ ސްޕީޑް ބްރޭކަރުތަކުން ބައިތައް ގެއްލެން ފެށި ވާހަކަ ބުނުމުން ހިންޏެއް ނާދޭ ހެއްޔެވެ؟
ހިނި އަޔަސް ހަގީގަތަކީ ބްރެެކަރުތަކުން ބައިތައް މިހާރު އުނިވަމުންދާ ކަމެވެ. ބައެއް ދިމަދިމާލުގައި ހުރި ބްރޭކްރުތަކުން ބައިތައް ގެއްލެނީ އެވެ. ދުވަސްކޮޅަކުން ބްރޭކަރު އެޅި ތަންތަނގާގައި އޭގެ ހިލަމެއް ވެސް ނުހުރެެ ދާނެ އެވެ.
މަގުތަކުގައި ދުއްވަން ކަނޑައެޅިފައި އޮންނަ ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވުމުގެ ސަބަބުން އެކްސިޑެންޓުތައް ގިނަވެ އެތައް ޒުވާނުން މިދުނިޔެއާއި އަލްވަދާއު ކިޔައި މަގުތައް ނާމާންވެފައި ވަނިކޮށް މީގެ ދުވަސްކޮޅެއް ކުރިން އެމްއާރްޑީސީ އަދި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ވަނީ ތާރުއަޅައި ހަދާފައިވާ ބޮޑު މަގުގައި ސްޕީޑް ބްރޭކަރު އަޅާފައެވެ.
ބްރޭކަރުތައް އަޅައި ދަތުރުކުރާ މީހުންނަށް ބްރޭކަރު ކައިރިވެއްޖެ ކަން އެނގޭގޮތަށް މެދުގައި ނިޝާނެއްވެސް ޖެހިއެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ މީހުން އޭގެ މަތިން ދުއްވައި އެތަކެތި ވަނީ ހަލާކުކޮށްލާފައެވެ.
މިހާރު އަނެއްކާ ވެސް ބްރޭކަރުތަކުން އާ ކަމެއް ފެންނަން ފަށައިފި އެވެ. ބައިބަޔަށް އަޅާފައިވާ ބްރޭކަރުގެ އެކި ތަންތަނުން ބައިބައި ނައްޓާފައި ހުންނަ މަންޒަރެވެ.
ވިއްސާރަ ވުމާއެކު މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ބައެއް ބްރޭކަރުތައް ނުފެނޭ ވަރަށް ފެންގަނޑު އުފުލިފައިވަނިކޮށް އެންމެ ފުރަތަމަ ބްރޭކަރުން ބައެއް މަދުވެފައިވަނީ މެދުވަލު ސުކޫލާ ދިމާލަށް އަޅާފައި އޮތް ބްރޭކަރުންނެވެ.
ހިތަދޫގެ އެހެން ސަރަހައްދުތަކުގައި އަޅާފައިވާ ބްރޭކަރު ތަކުންވެސް ބައިބައި މަދުވެ، މަރަދޫ އަދި މަރަދޫފޭދޫގެ ބޮޑު މަގުގައި އަޅާފައި ހުރި ބްރޭކަރުތަކުން ވެސް ވަނީ ބައިތައް ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. ފޭދޫގެ މަގުތަކުގެ ބްރޭކަރުން ވެސް ބައެއް ބައިތައް މިހާރު މަދެވެ.
އެންމެހާ ރައްޔިތުންގެ މަސްލަހަތާއި އަމަން އަމާން ކަން ދެމެހެއްޓުމަށާއި މަގުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓު ތަކުން މީހުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަށް އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކަށް ގެއްލުން ދިނުމަކީ އެންމެ ރައްޔިތުންނަށާއި އަމިއްލަ ނަފުސަށްވެސް ވެވޭ އަނިޔާއެއްކަން ކަށަވަރެވެ.