Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

މަރުގެ އަދަބު ފަސް ކުރާ އަމުރު ބާތިލުކޮށްފި

މަރުގެ ހުކުމް ތަންފީޒު ކުރުން ވަގުތީ ގޮތަކަށް ފަސް ކުރަން ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ.

ރޭ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި އެ މައްސަލަ ހައިކޯޓަށް ނުބެލޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ދެ މީހަކު މަރާލާފައިވާ ގާތިލުންގެ މައްޗަށް ކުށް ސާބިތުވެ މަރުގެ ހުކުމްކޮށް، ހުކުމް ތަންފީޒު ކުރަމަށް ފުރިހަމަ ކުރަން ޖެހޭ ކަންތައް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އިއްޔެ ހަވީރު ހައި ކޯޓުން ވަނީ ވަގުތީ ގޮތަކަށް ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހުކުމް ކޮށްފައެވެ.

ހުކުމް ފަސްކުރުމަށް ހައި ކޯޓުން އަމުރުކޮށްފައިވަނީ އަމިއްލަ ޖަމްއިއްޔާއަކުން މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދުގެ ބައެއް މާއްދާތައް ބާތިލްކުރަން ހުށައެޅާފައިވުމުން ކަމަށް ހައިކޯޓުންވަނީ ބުނެފައެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) ގެ ފަރާތުން ހުށަހެޅި އެ މައްސަލައިގައި ނެރުނު އަމުރުގައި ވަނީ އެ މައްސަލަ ނިމެންދެން އެ ގަވާއިދުގެ ދަށުން މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރަންޖެހޭނެ ކަމަށް އެ މައްސަލަ ބަލާ ފަނޑިޔާރުންނަށް އެއްބަސްވެވޭ ކަމަށެވެ.

ނަމަވެސް، ހައިކޯޓުގެ އަމުރު ބާތިލްކޮށް ރޭ ދަންވަރު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނި ގޮތުގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގެ ދަށުން އަދަބު ދޭ ގޮތަށް ސުޕްރީމް ކޯޓުން ވަނީ ދެ ހުކުމެއް ކޮށްފަ އެވެ. ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި އެހެންވެ ހައި ކޯޓުން ކުރި އަމުރަކީ "އޭގެ ޒާތުގައި ވެސް ބާތިލް، އަދި ޝަރުއީ އަދި ގާނޫނީ އެއްވެސް އަސާސެއް ނެތް އަމުރެއް ކަމަށް" ސުޕްރީމް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.

"… ސުޕްރީމް ކޯޓަށް ލިބިގެންވާ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައިސިއްޔަތުގެ މައްޗަށް ރިއާޔަތްކޮށް، ހައި ކޯޓުގެ 2016/HC-DM/01 ގަޒިއްޔާގެ ދައުވާ ފޯމު ބާތިލްކޮށް، އެކަން ހައި ކޯޓަށާއި ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ އަމުރާ އެކު ހައި ކޯޓުން ކުރި ހުކުމް ބާތިލުވެ ބަލަމުން ގެންދިޔަ މައްސަލަ ހުއްޓޭނެ އެވެ. ދެން އެ މައްސަލަ ނުވަތަ އެއާ ގުޅުން ހުރި މައްސަލައެއްވެސް ހައިކޯޓަށް ނުބެލޭނެ އެވެ.

ހައިކޯޓުން މަރުގެ ހުކުމް އިއްވާފައިވަނީ ކުރީގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ގާތިލު ހ.ލޮބީ ހުސެން ހުމާމާއި ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ ގާތިލު މުއްރަތުގެ މައްޗަށެވެ. މިދެމީހުންނަށްވެސް ހައިކޯޓުން އިއްވާފައިވާ ހުކުމަކީ ރަނގަޅު ހުކުމެއްގައި ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ހުކުމް ކޮށްފައެވެ.

ޑރ. އަފްރާޝީމް އަލީގެ ގާތިލު ހުމާމް މެރުން ފަސްކުރުމަށް މަޤްތޫލުގެ އާއިލާއިން ވަނީ ކޯޓުގައި އެދިފައެވެ. އެއީ އެބޭފުޅާ މެރުމަށް ބަޔަކު ރާވައި ގާތިލަށް ފައިސާ ދިން ކަން ސާބިތުވެ އެއީ ކޮންބައެއްކަން ހޯދުމަށެވެ. އަދި އދ. އިންވެސް ވަނީ ހުމާމްގެ މެރުން ފަސްކުރުމަށް ރާއްޖެއަށް ގޮވާލާފައެވެ.