އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީމުތައް ދުނިޔޭގެ އެކި ގައުމުތަކުގައި އެކި ލީގު ތަކުގެ ޓީމުތަކާ ދެކޮޅަށް އިންޓަނޭޝަނަލް ފްރެންޑްލީ ކުޅެމުން ދާއިރު ޗައިނާގައި ކުޅޭ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި މިއަދު މެންޗެސްޓާގެ ދެޓީމު ވާދަކުރަން ހަމަޖެހިފައިވަނިކޮށް ކުޅެން ޖެހޭ ދަނޑުގެ ހާލަތާ މެދު ދެ ޓީމުގެ ކޯޗުންވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ މޮރީނިއޯ އަދި ސިޓީގެ ގާޑިއޯލާއަކީ ޒަމާނުއްސުރެ ވާދަވެރި ކަމުގައި ނަން މަޝްހޫރު ދެކޯޗުންނެވެ. ގިނަ ކަންތަކުގައި ދެ މީހުންގެ ދެބަސްވުންތައް ގިނަ ނަމަވެސް ކުޅުންތެރިންގެ ރައްކާތެރިކަމާމެދު ދެ ކޯޗުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް މެޗު ފަސްކުރުމަށް ހުށައަޅާފައެވެ.
ޗައިނާގެ ބެއިޖިންގ ގައި ކުޅޭ މިމެޗު ކުޅުމަށް ހަމަޖެހިފައިވާ ބާޑްސް ނެސްޓް ސްޓޭޑިއަމް ވަނީ ވިއްސާރަވުމުގެ ސަބަބުން ނުކުޅެވޭ ހާލަތަށް ގޮސްފައެވެ. މީގެ އިތުރުން ދަނޑުގައި ފަންގަސް އަޅާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
70 އަށް ވުރެ މީހުން ދަނޑުގައި ކުޅެވޭނެ ގޮތަށް މަރާމާތުކުރުމުގައި ރެޔާ ދުވާލު މަސައްކަތް ކުރަމުން ދާއިރުވެސް މޮރީނިއޯ އަދި ގާޑިއޯލާ ވަނީ ސީޒަން ފެށުމުގެ ކުރިން ކުޅުންތެރިންނަށް އަނިޔާއެއްް ލިބިދާނެތީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
"އަހަރުމެން ބޭނުންވަނީ ރައްކާތެރިކަމާއެކު އެނބުރި ރަށަށް ދެވޭތޯ. ދަނޑު ބަލަހައްޓާ މީހުން ވަނީ ދަނޑުގައި ކުޅެވޭނެ ކަމުގެ ޔަގީންކަން މިހާރު އަރުވާފައި. އެހެންނަމަވެސް އަދިވެސް އަހަރެންގެ ކަންބޮޑުވުންތަކެއް އެބަހުރި. އުއްމީދަކީ އަހަރެން އަދި ސިޓީގެ ކުޅުންތެރިންވެސް އަނިޔާއެއް ނުވެ ރަށަށް ދިޔުން" މޮރީނިއޯ އާ ދަނޑުގެ ހާލަތާ މެދު ކުރި ސުވާލަށް ޖަވާބުދިނެވެ.
މެޗުން ގާޑިޔޯލާ ބޭނުންވަނީ ކޮން ކަމެއްތޯ ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ ކުޅުންތެރިޔަކަށް އިންޖަރީއެއް ނުވުމަށެވެ.