މާދަމާ ފާހަގަ ކުރާ ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އެ ދުވަހުގެ ހާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވެން ނެތް ކަމަށް ކައުންސިލުން ބުނެފި އެވެ.
ކައުންސިލްގެ ރަސްމީ ޓްވިޓާގައި ބުނީ ހޯމް މިނިސްޓްރީން ބަޖެޓް ހަމަޖައްސައި ދީފައި ނުވާތީ ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވެން ނެތް ކަމަށެވެ.
މިނިވަން ދުވަހުގެ ދިދަ ނެގުން އާންމުކޮށް ބާއްވަނީ ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ދައުވަތު ދީގެން ޖުލައި 25 ވަނަ ދުވަހުގެ ރެ އެވެ.
"އަދި ކައުންސިލްގެ ބަޖެޓް ދަތިކަމުން ޖުލައި 26 ދިދަ ނެގުން ކުރިއަށް ނުގެންދެވޭނެ،" ކައުންސިލްގެ ޓްވީޓްގައި ބުންޏެވެ.
ކައުންސިލްގެ އެހެން ޓްވީޓެއްގައި ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ވެސް ފޮނުވައިފަ އެވެ.
HM in budget hamajassavai dheven nethumun, adhi Council budget dhathikamun July26 dhidha negun kuriah nugendhevey pic.twitter.com/Ev0iKIHdYZ
— Addu City Council (@AdduCityCouncil) July 25, 2016
ހޯމް މިނިސްޓްރީން މި ފަހަރު ވަނީ ހުރިހާ ކައުންސިލްތަކަށާއި ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގައި ވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ކުލަ ގަދަކޮށް ބޭއްވުމަށް އަންގައި ނޯޓިސް ވެސް ފޮނުވައިފަ އެވެ.
އަދި އެކަން ކުރުމަށް ފަހު، އެކަމާ ގުޅޭ ރިޕޯޓެއް ވެސް ފޮނުވުމަށް ކައުންސިލްތަކަށް ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް އަންގާފައިވެ އެވެ.
މި އަހަރު ފާހަގަ ކުރަނީ ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހެވެ.