ބޮލީވުޑްގައި ވިދަމުން އަންނަ ބަތަލާ ނަރްގިސް ފަޙްރީ ބޮލީވުޑް ކެރިއާ ދޫކޮށްލައި، އިންޑިއާ ވެސް ދޫކޮށް އެއްކޮށް އެމެރިކާ އަށް ހިޖުރާކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން ނަރުގިސް ދެން ފިލްމް ކުޅެން އެނބުރި އިންޑިއާއަކަށް ނާންނާނެ އެވެ.
އެހެން ނަމަވެސް ކުއްލި ގޮތަށް އިންޑިއާ ދޫކޮށް ދިޔައީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ އެވެ.
ނަރްގިސްއަކީ އިންޑިއާ އަށް ނިސްބަތްވާ އެމެރިކާ ރައްތިޔެކެވެ. އޭނާ ވިހެ، އުޅެ ބޮޑުވީ ނިއުޔޯކްގަ އެވެ.
ނަރްގިސް ރައްޓެހިވެގެން އުޅޭ ކަމަށް އަޑުތައް ފެތުރިފައިވާ އުދޭ ޗޯޕްޅާ ވެސް މިހާރު ދިރިއުޅެނީ އެމެރިކާގަ އެވެ. އުދޭއަކީ މަޝްހޫރު ޑައިރެކްޓަރު އަދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ވެރިޔާ ޔާޝް ޗޯޕްޅާގެ ދެވަނަ ފިރިހެން ދަރިފުޅެވެ.
އޭނާގެ ބޭބެ ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ ކައިވެނިކޮށްގެން އުޅެނީ ބަތަލާ ރާނީ މުކަރްޖީ އެވެ.
ނަރްގިސް އިންޑިއާ ދޫކޮށް ދިޔަ އިރު، އޭނާގެ ދެ ފިލްމެއް އޮތީ ރިލީޒްވުމުގެ މަގުމަތީގަ އެވެ. އެއީ އަންނަ ހުކުރު ދުވަހު ރިލީޒް ކުރާ "ޑިޝޫމް" އާއި "ބަންޖޯ" އެވެ.
"ބަންޖޯ" ރިލީޒް ކުރާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
އިމްތިއާޒް އަލީގެ "ރޮކްސްޓާ" އިން 2011 ގައި ރަންބީރު ކަޕޫރާ އެކު ބޮލީވުޑަށް ތައާރަފުވި ނަރްގިސްގެ ދެ ފިލްމެއް ދާދި ފަހުން ރިލީޒް ވެސް ވި އެވެ.
އެއީ "ހައުސްފުލް 3" އާއި "އަޒްހަރް" އެވެ.
އޭނާ ކުޅެފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "މޭ ތޭރާ ހީރޯ" އަދި "މެޑްރާސް ކެފޭ" ފާހަގަކޮށްލެވެ އެވެ.
ނަރްގިސް ވަނީީ މިދިޔަ އަހަރު ހޮލީވުޑް ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ "ސްޕައި" އެވެ.