ފޭދޫ ހިއްކި ބިން ހިމާޔަތް ކުރަން ޖަހާ ރިވެމަންޓްގެ ހިލަތައް ޖަހާ ގޮތާ ދޭތެރޭ ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރަމުން ދިޔަ ނަމަވެސް، އެކަން ކުރަނީ ވީހާ ވެސް ރަނގަޅަަށް ކަމަށާއި ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ބައެއް ފަރާތްތަކުން ބުނަމުން ދަނީ ހިލަތައް ޖަހަނީ ނުވަ މީޓަރުގެ ހުސް ދޭތެރެ ހުންނަ ގޮތަށް ކަމަށެވެ. އަދި ޖަހާ ހިލަ ކުޑަވެގެން ވެސް ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިކަމާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓަރު މުހައްމަދު ފައިސަލް "އައްޑޫ ލައިވް" އަށް ވިދާޅުވީ ހިލަތައް ޖަހަނީ ދޭތެރެ ދުރުކޮށް ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ.
"އެއީ އެއްގޮތަކަށް ވެސް ރަނގަޅު ވާހަކައެއް ނޫން. ހިލަތައް ޖަހަނީ ހަމަ ފަށާ ގޮތަށް މުޅި ހިއްކި ބިމުގެ ވަށައިގެން. އެއްވެސް ދިމާލުން ހިލަތައް ނުޖަހައި އޮތް ހުސް ދޭތެރެއެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ފައިސަލް އަދި ވިދާޅުވީ ހުސް ދޭތެރެ ބާއްވައިގެން ހިލަ ޖަހަން ސަބަބެއް ވެސް ނެތް ކަމަަށާއި އެއީ މިފަދަ މަސަައްކަތްތައް ކުރާ ގޮތް ވެސް ނޫން ކަމަށެެވެ.
"ވީހާ ވެސް ފުރިހަމަކޮށް، ރަނގަޅަށް މިކަން ކުރަނީ. އެހެންވީމާ ރައްޔިތުން ކަންބޮޑުވާންވީ ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ކުދި ހިލަތައް ބޭނުން ކުރާ މައްސަލާގައި ފައިސަލް ވިދާޅުވީ ކުދި ހިލަތައް ބޭނުން ކުރަނީ މިހާރު ޖަހަމުން އަންނަ ބޮޑު ހިލަތަކުގެ ދޭތެރޭގައި ހުންނަ ހުސް ތަންތަން ފުރާލުމުގެ ގޮތުން ކަމަށެވެ.
"އެެއްގޮތަކަށް ވެސް ރިވެޓްމަންޓްގެ ގޮތުގައި ބިމުގެ ވަށައިގެން ކުދި ހިލަތައް ޖަހަނީކީ ނޫން،" އޭނާ ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން ބުނީ މި މަސައްކަތް ކުރާ ވައްނޫރު ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ރިވެމްޓްމަންޓްގެ މަސައްކަތް އަންނަ މާޗް މަހަށް އެއްކޮށް ނިންމަން ޖެހޭ ކަމަށެވެ.
"އެކަމަކު މިހާރު މަސައްކަތްދާ ސްޕީޑަށް ބަލާ އިރު، އެއަށް ވުރެ އަވަހަށް ނިމޭނެ ކަމަށް ލަފާ ކުރެވޭ،" ފައިސަލް ވިދާޅުވި އެވެ. "އަދި މިހާރު މި އޮތް ބަންދު ނިމުނީމަ މަސައްކަތް އިތުރަށް ހަލުވިވެގެން ދާނެ."