މަރަދޫގައި ހުރި ދުވަސްވީ ތާރީހީ ބިނާއެއް ކަމަށްވާ މަރަދޫ "ބޮޑަގެ" ބޮޑެތި މަރާމާތުތަކަށް ފަހު، ބޮޑެތި ބަދަލުތަކަކާ އެކު އަންނަ ނޮވެމްބަރު މަހުގެ 11 ގައި ހުޅުވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެެ.
ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބް (ޓޮމް) "އައްޑޫ ލައިވް" އަށް ވިދާޅުވީ "ބޮޑަގޭ" ގެ އެތެރޭގެ މަރާމާތުތައް މިހާރު ނިމިފައިވާ ކަމަށެވެ.
އެތަނުގެ މައި ހޯލް މިހާރު ވަނީ 137 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއްގެ ގޮތުގައި ތައްޔާރުކޮށްފަ އެވެ.
އެގޮތުން އެކިއެކި ރަސްމިއްޔާތުތަކާއި ފިލްމް އަޅުވަން ވެސް ހޯލް ބޭނުން ކުރެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
ހޯލްގައި މިހާރު ވަނީ ލަކުނޑި ގޮނޑިތައް ވެސް ޖަހައިފަ އެވެ. ލަކުނޑި ގޮނޑިތައް ބެހެއްޓީ "ބޮޑަގެ" ތަރައްގީ ކުރަމުން އަންނަނީ އާސާރީ ތަނެއްގެ ގޮތުގައި ކަމަށްވާތީ، ކުރީގެ ގޮތްގަނޑު ގެނައުމުގެ ގޮތުންނެވެ.
"ހޯލްގައި ރަސްމީ އެކިއެކި ހަފުލާތަކާއި ފިލްމް ވެސް އަޅުވަން ކުއްޔަށް ދޫކުރާނެ. މިހާރު މި އަންނަނީ އެތަނަށް ބޭނުންވާ ސައުނޑް ސިސްޓަމެއް ވެސް ހޯދަން މަސައްކަތް ކުރަމުން." ޓޮމް ވިދާޅުވި އެވެ.
ކައުންސިލުން ބުނީ "ބޮޑެގޭ" ގެ މައި ހޯލް އެކިއެކި ކަންކަމަށް ބޭނުން ކުރާ އިރު، އިމާރާތުގެ އެތެރޭގެ އެހެން ބައިތައް ބޮޑަށް ފަރުމާވެގެން ދާނީ ދާރުލްއާސާރެއްގެ ގޮތުގައި ކަމަށެވެ.
"އެހެންވީމާ އެތަނުން އައްޑޫގެ ތާރީހާ ގުޅުން ހުރި ވަރަށް ގިނަ މައުލޫމާތު ލިބިގެން ދާ ގޮތަށް ހުންނާނީ،" ޓޮމް ވިދާޅުވި އެވެ.
"ބޮޑަގޭ" ގެ ބޭރު ވަށައި ފާރު ރޭނުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ބަޔަކާ ހަވާލުކޮށްގެން ކުރަމުންނެވެ. އަދި އިމާރާތަށް ކަރަންޓް ލާން ވެސް ބަޔަކާ ވަނީ ހަވާލުކޮށްފަ އެވެ.
ކައުންސިލުން ބުނީ "ބޮޑަގޭ" ގެ ގޯތި ތެރޭގައި ރެސްޓޯރަންޓެއް ވެސް ގާއިމު ކުރަން ނިންމާފައިވާ ކަމަށެވެ.
"އެ ފުރުސަތު އާންމުކޮށް ހުޅުވާލާ ގޮތަށް ހަމަޖެހިފައި ވަނީ،" ޓޮމް ވިދާޅުވި އެވެ.
ބޮޑަގެއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީންގެ މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމަށް އިމާރާތް ކުރި ތަނެކެވެ.
އޭގެ ފަހުން ތަފާތު އެކި ދުވަސްވަރު އެކިއެކި ކަންކަމަށް ބޭނުންކޮށްފައި ވާއިރު ސިއްހީ ހިދުމަތް ދޭ ތަނެއްގެ ގޮތުގަ އާއި މަރަދޫ މަކުތަބާއި އަތޮޅު ގެއާއި މަަރަދޫ ސްކޫލް ރަށު އޮފީސް ހިންގުމާއި ސިނަމާއެއްގެ ގޮތުގައި ވެސް އިމާރާތް ބޭނުންކޮށްފައިވެ އެވެ.