އާ ސީޒަނަށް ފަރިތަކުރުމަށް ޓީމުތަކުން ކުޅޭ ޕްރީ ސީޒަން މެޗުތަކުގައި ރޭ ފްރާންސް ޗެމްޕިއަން ޕީއެސްޖީ، ޕްރިމިއާ ލީގު ޗެމްޕިއަން ލެސްޓާ ސިޓީ ބޮޑު ގެ ތަފާތަކުން ބަލިކޮށްފިއެވެ.
އެމެރިކާގެ ލޮސް އެންގެލެސް ގައި ކުރިއަށްދާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި ޕީއެސްޖީ އާއި ލެސްޓާ ކުޅުނު މެޗު ޕީއެސްޖީ ކާމިޔާބުކޮށްފައިވަނީ 0-4 އިންނެވެ. ކުރީ މެޗުގައި ލެސްޓާ ޕެނަލްޓީގައި ސެލްޓިކް ބަލިކުރި ނަމަވެސް ދެޓީމުގެ ތެރެއިން ވަރުގަދަ ޓީމަކީ ޕީއެސްޖީ ކަން ގިނަ ބަޔަކު ތިބީ މެޗު ފެށުމުގެ ކުރިންވެސް ގަބޫލުކޮށްގެނެވެ.
ޕީއެސްޖީގެ ފުރަތަމަ ގޯލު 26 ވަނަ މިނެޓުގައި އެޑިސަން ކަވާނީ ޖަހާފައިވަނީ ޕެނަލްޓީއަކުންނެވެ. ޑެނިއަލް އާމަޓްރޭ ލެސްޓާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިކޯނޭ ވައްޓާލުމުގެ ސަބަބުން ލިބުނު ޕެނަލްޓީ ކަވާނީ ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ.
ގޯލަށް ފަހު ލެސްޓާއިން ވަނީ އެއްވަރު ކުރުމަށް ރަނގަޅު ފުރުސަތެއް ހޯދާފައެވެ. ރިޔާދް މަހުރޭޒް ފޮނުވާލި ހިލޭ ޖެހުން ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ނަމަވެސް 18 އަހަރުގެ އިކޯނޭ ވަނީ ހާފު ނިމެން ކައިރިވެފައިވަނިކޮށް ޕީއެސްޖީގެ ލީޑު ފުޅާކޮށްފައެވެ. ދެވަނަ ހާފު ފެށިގެން ލެސްޓާގެ އަހުމަދު މޫސާ އަށް ގޯލު ޖަހަން ލިބުނު ފުރުސަތު ވަނީ ބޭކާރުވެފައެވެ.
ޕީއެސްޖީގެ ތިންވަނަ ގޯލު 64 ވަނަ މިނެޓުގައި ލޫކަސް މޮއުރާ ޖަހާފައިވާއިރު މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް 18 އަހަރުގެ އެޑުޑާޑް ވަނީ ލީޑު ހަތަރަކަށް ފުޅާކޮށްފައެވެ.
ޕްރިމިއާ ލީގު ޗެމްޕިއަން ލެސްޓާ ދެން ބައްދަލުކުރަން ޖެހެނީ ބުދަ ދުވަހު ލަލީގާ ޗެމްޕިއަން ބާސެލޯނާ އާ ދެކޮޅަށެވެ. ބާސާ ރޭ ސެލްޓިކް އާ ދެކޮޅަށް ކުޅުނު މެޗު ވަނީ 1-3 އިން ކާމިޔާބުކޮށްފައެވެ.