ސޯލާ އިން ކަރަންޓް އުފައްދަން އައްޑޫގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގެ ފުރާޅުގައި ވެސް ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މި މަޝްރޫއު ކުރިއަށް ގެންދަނީ ފެނަކަ ކޯޕަރޭޝަންގެ އެހީތެރިކަމާއި އެކު އެވެ.
އެ ކުންފުނިން ބުނި ގޮތުގައި އީސީސީގެ ފުރާޅުގައި ހަރު ކުރާ ސޯލާ ޕެނަލްތަކުން 900 ކިލޯވޮޓްގެ ކަރަންޓް އުފައްދާނެ އެވެ.
އަދި މިއީ ރާއްޖޭގައި މިހާތަނަށް ސޯލާ ޕެނަލް ހަރު ކުރާ އެންމެ ބޮޑު ފުރާޅު ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.
އައްޑޫގައި ސޯލާ އިން ކަރަންޓް އުފެއްދުމުގެ މަޝްރޫއު ރަސްމީކޮށް އިފުތިތާހު ކުރީ މެއި މަހުގެ 30 ވަނަ ދުވަހު އެވެ.
އެ ދުވަހު ހިތަދޫ ސްކޫލްގެ ފުރާޅުގައި ވެސް ވަނީ ޕެނަލް ހަރު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
އައްޑޫގައި 1.6 މެގަވޮޓްގެ ކަރަންޓް ސޯލާ އިން އުފައްދަން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ދައުލަތުގެ އެކި އިމާރާތްތަކުގެ ފުރާޅުގައި ޕެނަލް ހަރު ކުރަން ވަނީ ނިންމައިފަ އެވެ.
މި މަޝްރޫއުގެ ސަބަބުން އައްޑޫގައި ދުވާލު ބޭނުން ކުރާ ކަރަންޓްގެ 30 ޕަސަންޓް ސޯލާ އަށް ބަދަލުވެގެން ދާނެ އެވެ.