ދީނީ އަޚުލާޤީ މިންގަނޑު ފަހަނައަޅާ، ﷲގެ ގެކޮޅުގެ ޙުރުމަތް ނަގާލުމަކީ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކާއި ޚާއްސަކޮށް އިސްލާމިކް މިނިސްޓްރީ މަސްޢޫލުވާނެ ކަމެއް ކަމަށް ވިދާޅުވެ ދީނީ ޢިލްމުވެރިޔާ ޝައިޚް އާދަމް ޝަމީމް ފާޑުވިދާޅުވެއްޖެއެވެ.
ޝައިޚް ޝަމީމް މިގޮތަށް ވިދާޅުވެފައި ވަނީ މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށްޓަކައި ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތް ކަމަށްވާ މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ ގޯތިތެރޭގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ބައްދަލުވުމުން ކުރިއަށް ދިޔައިރު މަޑުމޮޅި މިއުޒިކެއް ޖަހާފައިވާ މައްސަލައިގައި ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ.
ޝެއިޚް ޝަމީމްގެ ފޭސްބުކްގައި ސީދާ އެކަމުގެ ވާހަކަ ވިދާޅުވެފައި ނެތް ނަމަވެސް، ދީނާ ޚިލާފުކަންކަން ފާޅުގައި ރަސްމީ ޙައިސިއްޔަތުން ކުރެވޭނަމަ އޭގެ މާނަޔަކީ ދީނަށް ލޯބިކުރާ ރައްޔިތުންނަށް ވުރެ "ލާދީނީ" މީހުންގެ ބާރު މިޤައުމުގެ މައްޗަށް ގަދައީ ކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި އެކަން ޙައްލުކުރުމަށް ޓަކައި އިލްމުވެރިން އިތުރަށް ވިސްނައި ދަޢުވަތާއި އިސްލާހީ މަސައްކަތް ވަރަށް ބޮޑަށް އިތުރު ކުރަން ޖެހޭ ކަމަށް ވެސް ޝެއިޚް ޝަމީމް ވިދާޅުވިއެވެ.
ޝައިޚް ޝަމީމް މިހެން ވިދާޅުވެފައިވީ އިރު މިނިވަން ދުވަހާ ގުޅުވާގެން ސަރުކާރުން އިންތިޒާމުކުރި ފުޅަނދުބުރަށްވެސް ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ވަނީ ފާޑުކިޔާފައެވެ. އެހެން ނަމަވެސް އެ މައްސަލައިގައި މިހާތަނަށް އިސްލާމިކް މިނިސްޓްރީ އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ 'އަލް-އަސްރު' ޖަމިއްޔާގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ތަފާތު ހަރަކާތްތަކުގައި ބުރަކޮށް މަސައްކަތްކުރައްވާ ޝައިޚް އާދަމް ޝަމީމަކީ ކުރީގެ ސަރުކާރުތަކުގައިވެސް ދީނާ ޚިލާފު ކަންކަމާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.