އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ބިލު ފާސްވިޔަސް އެއީ ބިރު ގަންނަވަރުގެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ (އައިބީ) މިއަދު ވިދާޅުވެއްޖެ އެވެ.
ބިލާމެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވެސް ބައިވެރިވެޑައިގެންނެވި އައިބީ މިއަދު މަޖިލީހުގައި ވިދާޅުވީ ސަރުކާރުން އުޅެނީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް އަރައިގަންނަން ނޫން ކަމަށެވެ.
"ކާކުތޯ އަރައި ގަންނަން އުޅެނީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް،" އޭނާ ވިދާޅުވި އެވެ. "މިއުޅެނީ އެ މިނިވަން ކަމަށް އަރައިގަންނާކަށް ނޫން. އެކަމު މިބިލު ފާސްވުމުން ކޮންމެ ފަރާތަކަށް ވެސް ތިން މަހުގެ މުއްދަތެއް ލިބޭނެ."
އައިބީ ވިދާޅުވީ އެ ތިން މަސް ދުވަހުގެ މުއްދަތަކީ އިސްލާހުވާން ވީ މުއްދަތެއް ކަމަށެވެ. އަދި ދޮގެއް ހަދައިފި ނަމަ އަދަބު ލިބޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ނެތް އަބުރެއް. އެ އަބުރު ވަނީ ކަތިލާ ނިންމާލާފައި،" އައިބީ ވިދާޅުވި އެވެ.
އައިބީ އަދި ވިދާޅުވީ މުސްތަގުބަލަށް ވިސްނާފައި އަދި ދަރިންގެ ކުރިމަގަށް ވިސްނާފައި އެ ބިލް ފާސް ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ހަމައެކަނި ބަލަންވީ 27 ވަނަ މާއްދާއަށްތޯ. ކޮބާތޯ ގާނޫނު އަސާސީގެ 16 ވަނަ މާއްދާ،" އޭނާ ވިދާޅުވި އެވެ. "ގާނޫނު އަސާސީގެ ސޯޅަ ވަނަ މާއްދާ އާއި 21 އަދި 67 ވަނަ މާއްދާގެ ދިފައުގައި މި ބިލު އެބަ ޖެހޭ ފާސްކުރަން."