އެފްއޭއެމް/މައިލޯ އިންޓަ-ސްކޫލް ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗް 15-1 ލަނޑުން ހިތަދޫ ސްކޫލް ހުޅުދޫ ސްކޫލްގެ މައްޗަށް ކުރި ހޯދި އިރު މުބާރާތުގެ ދެވަނަ މެޗްގައި މަރަދޫފޭދޫ ސްކޫލާއި ބައްދަލުކޮށް 12-0 ލަނޑުން ޝަމްސުއްދީން ސްކޫލް މޮޅުވެއްޖެއެވެ.
13 އަހަރުން ދަށުގެ އުމުރުފުރާގެ ފުރަތަމަ މެޗްގައި ހިތަދޫ ސްކޫލުން ޖެހި 15 ލަނޑުގެ ތެރެއިން 6 ލަނޑު ޖަހާފައިވަނީ ހިތަދޫ ސްކޫލްގެ އީމާން ނަޒީރު (ޖ9)އެވެ. ހިތަދޫ ސްކޫލަށް އިތުރު ލަނޑު ޖަހައި ދިނީ ނަވީދު އަހްމަދު ނަޒީރު (ޖ10)އެވެ.
ނަވީދު 3 ލަނޑު ޖެހިއިރު އެޓީމްގެ އަހްމަދު ނާހިލް އިބްރާހިމް (ޖ11) ވެސް ވަނީ 3 ލަނޑު ޖަހާދީފައެވެ. ހިތަދޫ ސްކޫލް ޓީމުން ދެން އިތުރަށް ލަނޑު ޖަހާފައިވަނީ ޖޯޒީ ނަންބަރު 13 އަހްމަދު ރާހިމް އާއި އަހްމަދު ދާނިޝް ޖިހާދު (ޖ7) އަދި މުހައްމަދު ސަހާފް ހަލީލް (ޖ20)އެވެ.
ހުޅުދޫ ސްކޫލްގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ ހުސެއިން ހާޒިމް (ޖ10)އެވެ.
މުބާރާތުގެ ދެވަނަ މެޗްގައި ޝަމްސުއްދީން ސްކޫލުން ޖެހި 12 ލަނޑުގެ ތެރެއިން 6 ލަނޑު ޖަހާފައިވަނީ މެޗްގައި މޮޅު ކުޅުމެއް ދެއްކި ރަޔާން މުއްސަދު (ޖ10)އެވެ. ޝަމްސުއްދީން ސްކޫލްގެ އިތުރު ލަނޑުތައް ޖަހާދީފައިވަނީ ހަސަން ސަހާފް އާއި މުހައްމަދު ގުސައްޔުއެވެ. ސަހާފް ވަނީ 5 ލަނޑު ޖަހާފައެވެ.
އައްޑޫގެ 7 ސްކޫލަކުން މުބާރާތުގައި ދަނީ ވާދަކުރަމުންނެވެ. މިއަދުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މުބާރާތުގައި މާދަމާ ކުޅެން ހަމަޖެހިފައިވަނީ 15 އަހަރުން ދަށުގެ މެޗެކެވެ. ބައްދަލު ކުރަނީ އިރުޝާދިއްޔާ ސްކޫލާއި ހިތަދޫ ސްކޫލްއެވެ. މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4 ޖަހާއިރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.