އައްޑޫގެ ތަރައްގީ އަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެކަށީގެންވާ ވަރުގެ ރަނގަޅު އަދަދެއް ހިމަނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އަބްދުﷲ ޒިޔާދު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ސަރުކާރުން އައްޑޫގައި ކުރިއަށް ގެންސާ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދަނީ އެކަމަށް ހާއްސަ ބަޖެޓަކުންނެއް ނޫން ކަމަށެވެ.
އެހެން ނަމަވެސް އަންނަ އަހަރުގެ ބަޖެޓަށް ވަރަށް ރަނގަޅު ޢަދަދެއްގެ ފައިސާ އައްޑޫގެ ތަރައްގީ އަށް ހުށައެޅުއްވުމަށް ހައުސިން މިނިސްޓްރީން މަސަކަތް ކުރާނެ ކަަަމަށް ޒިޔާދު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އައްޑޫގެ ތަރައްގީ އަށް ބޭނުންވާ ކަންކަމުގެ ތަފުސީލުތައް މިހާރު އެއްކުރަމުން އަންނަ ކަމަށެވެ.
އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ދާދި ފަހުން ފޭދޫ ބިން ވަނީ ހިއްކައިފަ އެވެ. އަދި ހިތަދު އާއި ހުޅުމީދޫގައި އަންނަނީ ފްލެޓް އަޅަމުންނެވެ.
މީގެ އިތުރުން ހުޅުމީދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް ހަދަމުން އަންނަ އިރު ގަން އެއާޕޯޓް އަންނަނީ ސް ޕްލޭން ބޭސްްއަކާ އެކު ތަރައްގީ ކުރަމުންނެވެ.
މިކަންކަން ކުރިއަށް ދިޔަ ނަމަވެސް އައްޑޫގެ ރައްޔިތުން އެންމެ ބޭނުންވި 100 އެނދުގެ ހޮސްޕިޓަލް މަޝްރޫއު ސަރުކާރުން ވަނީ ހުއްޓާލައިފަ އެވެެ.
އަދި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ހޮސްޕިޓަލެއް ތަރައްގީ ކުރާނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު އެކަމާ ގުޅޭ އެއްވެސް މަސައްތެއް މިހާތަަނަށް ކޮށްފައެއް ނުވެ އެވެ.