އިއްޔެ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ފެށި "މައިލޯ އިންޓަ ސްކޫލް" ފުޓްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ފުރަތަމަ މެޗް ހިތަދޫ ސްކޫލްގެ މައްޗަށް 6-0 ބޮޑު ނަތީޖާއަކުން އިރުޝާދިއްޔާ ސްކޫލް ކާމިޔާބް ކޮށްފިއެވެ.
މެޗްގެ ފުރަތަމަ ލަނޑު 16 ވަނަ މިނިޓްގައި އިރުޝާދިއްޔާއިން ކާމިޔާބް ކުރީ ގޯލު ކުރިމަތިން ހުސްކޮށް ދިޔަ ބޯޅައެއް ހިތަދޫ ސްކޫލްގެ ޑިފެންސަށް ކުޅެމުން ދިޔަ މުހައްމަދު ތަސްނީމް ޠޯރިގް ބޭރަށް ޖަހަން އުޅުމުގެ ތެރޭ ގޯލުގެ ކަނަށް ވަދެގެންނެވެ.
އިރުޝާދިއްޔާއިން ފުރަތަމަ ހާފް ނިންމާލީ 3-0 ލީޑެއްގައި އޮވެގެންނެވެ. މެޗްގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅެފައިވަނީ އިރުޝާދިއްޔާ ސްކޫލުންނެވެ. އިރުޝާދިއްޔާ ސްކޫލުން ޖެހި 6 ލަނޑުގެ ތެރެއިން 3 ލަނޑު ޖަހައި މުހައްމަދު އަރުޝަމް ޝަމީމް ވަނީ ހެޓްރިކް ހަދާފައެވެ. އެޓީމަށް ދެން ލަނޑުތައް ޖަހާދީފައިވަނީ އަލީ އަމާން ޝަރީފް އާއި އިސްމާއިލް އަލަފް އިބްރާހިމް ރަޝީދުއެވެ.
މާދަމާ މި މުބާރާތުގެ 13 އަހަރުން ދަށުގެ ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ހަވީރު 3 ޖަހާއިރު ފަށާ ފުރަތަމަ މެޗްގައި ބައްދަލު ކުރަނީ ފޭދޫ ސްކޫލް އާއި ޝަމްސުއްދީން ސްކޫލެވެ. ދެވަނަ މެޗްގައި މަރަދޫ ސްކޫލް ވާދަ ކުރަނީ ޝަރަފުއްދީން ސްކޫލް އާއިއެވެ.