ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ކުރެއްވި ޓްވީޓަކާ ގުޅިގެން ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން އެބޭފުޅާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ގަޑިއެއްހާއިރު ފުލުހުންގެ އިދާރާގައި ހޭދަކުރެއްވުމަށް ފަހު ނިކުމެވަޑައިގެން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އަލީ ނިޒާރު ވިދާޅުވި ގޮތުގައި، އޭނާ އާއި ސުވާލު ކުރީ ޓްވީޓަކާއި ގުޅޭ ގޮތުން ކަމަށެވެ.
ނިޒާރު ވިދާޅުވި ގޮތުގައި ފުލުހުން ސުވާލުކުރީ، ޖުލައި 25 ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ކުރެއްވި ޓުވީޓަކަށް ބާރުދޭފަދަ މޭރުމަކުން އޭނާ ކުރެއްވި ޓުވީޓަކާއި ގުޅިގެން ކަމަށެވެ.
މެންބަރު އަލީ ނިޒާރުގެ ގާނޫނީ ވަކީލް ހުސެއިން ފަރީދު އާއި ހަވާލާދީ 'ރާއްޖެއެމްވީ' ގައި ބުނެފައިވާގޮތުގައި ފުލުހުން އަލީ ނިޒާރުގެ މައްޗަށް ތުހުމަތު ކުރީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ދަތިކުރިކަމުގެ ތުހުމަތެވެ.
ފަރީދު ވިދާޅުވި ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ނިޒާރުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ކަމަށް ބުނެ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އަލީ ނިޒާރުގެ ގާނޫނީ ވަކީލް އިމްތިޔާޒު ފަހުމީ ވިދާޅުވީ ކުރާ ޓުވީޓަކާއި ގުޅިގެން ސަރުކާރުން އަންގައިގެން ފުލުސް އޮފީހަށް މީހުން ހާޒިރުކުރުމަކީ ރައްޔިތުންނަން ބިރުދެއްކުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.
މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީ އިގްތިޞާދީ ކޮމެޓީގެ ރައީސް އަހުމަދު ތަސްމީން އަލީ އާއި ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފާއި އަދާލަތު ޕާޓީގެ ލީޑަރޝިޕްގެ މެމްބަރުން ކަމަށްވާ ޝިދާތާ ޝަރީފްގެ އިތުރުން ޑރ. އިޔާޒު އަބްދުއްލަތީފް ވެސް މީގެ ކުރިން ވަނީ ފުލުސް އޮފީހަށް ހާޒިކޮށްފަ އެވެ.
މެންބަރު ނިޒާރުގެ އިތުރުން އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު ސިޔާސީ އެކިއެކި ޕޯޑިއަމްތަކުގަ އާއި ސޯޝަލް މީޑީއާގައި އެބޭފުޅުން ދެއްކެވި ވާހަކަތަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރު ކޮށްފައިވެއެވެ.