Last Updated: April 19, 17:31
Saturday, April 19, 2025
ޚަބަރު

ހިތަދޫން ވަގަށް ނެގި ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

އެކި ދުވަސް މަތިން ހިތަދޫގެ އެކި ތަންތަނުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ ތަކެތި ހޯދައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 26 އަހަރުގެ ފިރިހެނެކެވެ.

އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ވަގުތެއްގައި ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 31 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ހޯދާފައިވަނީ އައްޑޫގައި މަސައްކަތް ކުރަމުންދާ ބިދޭސީންތަކަކަށް ވިއްކާފައި ވަނިކޮށެވެ.

އެ ތަކެތީގެ ތެރޭގައި ފޯނާއި ލެޕްޓޮޕާއި އިސްތިރިއަކާއި ގިނަ ޢަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކެއް ހިމެނެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކުރި މިހާއަކީ ވައްކަމާއި ފޭރުމާ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.