Last Updated: September 20, 11:17
Friday, September 20, 2024
ޚަބަރު

ހާހެއްހާ މީހުންނަށް ހައްޖަށް ނުދެވޭ އިރުވެސް މިނިސްޓަރ ހިމޭނުން!

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައިގެން ތިބި 2000 އެއްހާ މީހުންގެ ތެރެއިން 1000 މީހުންގެ ކޯޓާ ހަމަނުޖެހި އެފަރާތްތަކަށް ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރި ނުވެނޭނެ ކަމުގެ ބިރު ހީވެފައިވާ އިރު އެކަަމަށް އިސްލާމިކް މިނިސްޓްރީން އެކަށީގެންވާ މަސައްކަތް ކުރަމުން ނުދާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކެވި މިނިސްޓްރީގެ އިސް ބޭފުޅަކު ވިދާޅުވީ، މިނިސްޓްރީގެ "އިހްމާލުން" ހާހެއްހާ މީހުންނަށް ހައްޖަށް ނުދެވޭނެ ކަން އެނގިފައިވާ އިރުވެސް މިކަން ހައްލު ކުރުމަށް އެދެވޭ މަސައްކަތެއް ކުރަމުން ނާންނަ ކަމަށެވެ.

"މިފަދަ ކަމެއް ހިނގައިގެން އުޅޭ އިރު، ކޮބާ އިސްލާމިކް މިނިސްޓަރ. ކޮބާ އެ ބޭފުޅާގެ ޒިއްމާ. މީ ކުޑަކަމެއް ނޫން، އެތައް ބަޔަކަށް ލިބިގެންދާ ބޮޑު ގެއްލުމެއް"

ކުރިން ރާއްޖެއަށް ދީފައިވާ 1000 ކޯޓާގެ ތެރެއަށް އިތުރު 1000 ކޯޓާ ހަމަޖެހިފައިވަނީ މިއަހަރުގެ މެއި މަހުއެވެ. ރާއްޖޭގައި ހުންނަ ސައުދީއަރަބިޔާގެ އެމްބަސީންްެ ފޮރިން މިނިސްޓްރީއަށް ލިޔުމަކުން އަންގާފައިވާ ގޮތުން ރާއްޖެއަށް މިފަހަރު އިތުރު 1000 މީހުން ހައްޖަށް ދިއުމުގެ ހުއްދަ ވަނީ ދީފައެެވެ. ނަމަވެސް އެހުއްދަ ބާޠިލް ކުރިކަން ރަސްމީކޮށް ދިވެހި ސަރުކާރަށް ސައުދީ ސަރުކާރުން މިހާރު ވަނީ އަންގާފައެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ، މިހާ ހިސާބަށް ކަންތައް ދިއުމުން މިކަން ހައްލު ކުރުމަށް އިސްލާމިކް މިނިސްޓަރ އާއި ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސައުދީގެ ރަސްގެފާނުގެ ސަމާލުކަމަށް މިކަން ގެންގޮސް މިކަން ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ.

"މިހާރު ކަންތައް އޮތް ގޮތުން މިކަން ހައްލު ކުރެއްވުމަށް އިސްލާމިކް މިނިސްޓަރ އެބަޖެހޭ ސައުދީއަށް ވަޑައިގެން ރަސްގެފާނާއި، ސައުދީގެ ހައްޖާއި ބެހޭ ވަޒީރު އާއި ބައްދަލު ކުރައްވަން، އަދި ރައީސް އާއި ރަސްގެފާން އާއި ހިސާބުން މަސައްކަތް ކުރައްވަން. މިހާރުވެސް ވަގުތު ފާއިތުވަމުން މިދަނީ"

ރާއްޖޭން 2000 މީހުންގެ ކޯޓާ ހަމަޖެހުމާއި ގުޅިގެން ހައްޖަށް މީހުން ގެންދިއުމަށް މިއަހަރު ހުއްދަދީފައިވާ 5 ކުންފުންޏަށް 200 މީހުން ހުއްދަ ދީފައިވާ އިރު ހައްޖު ކޯޕަރޭޝަނަށް ވަނީ 1000 މީހުން ގެންދިއުމުގެ ހުއްދަ ދޫކޮށްފައެވެ.
hajj2

މިކަމާއި ގުޅިގެން ހައްޖު ކޯޕަރެޝަނާއި ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރި 5 ކުންފުނިން ވަނީ މީހުންގެ އަތުން ފައިސާ ނަގާ، އެއާލައިންތަކުން ޓިކެޓް ބުކްކޮށް، ހޮޓަލްތައް ސައުދީން ކުއްޔަށް ހިފާފައެވެ.

އޮފިޝަލް ވިދާޅުވީ މި މައްސަލާގައި މީޑިއާއަކަށް މައުލޫމާތު ދީ، މިކަން ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް މިނިސްޓަރ މާ ބޮޑު ސަމާލުކަމެއް ނުދެއްވާ ކަމަށެވެ.

"މިނިސްޓަރު ދެކިވަޑައިގަންނަވާ ގޮތުގައި، މީގެ މައުލޫމާތު ރައްޔިތުންނަށް ދެއްވުމަކީ އެހާ މުހިއްމު ކެމެއް ނޫން. އެހެންވެ ދެއްތޯ އެ ހުންނަވަނީ، އެތައް ބަޔަކު މިކަމުގެ ގެއްލުން ލިބެމުންދާއިރުވެސް"

ރާއްޖެއަށް ލިބުނު އިތުރު 1000 މީހުންގެ ކޯޓާ ކެންސަލްވެފައިވާ އިރު މިކަމާއި ގުޅޭ ގޮތުން ސަރުކާރުގެ އެއްވެސް އިދާރާއަކުން ޚުދު ރައީސުލް ޖުމްހުރިއްޔާވެސް އެއްވެސް ބަސްފުޅެއް ވިދާޅެއް ނުވެއެވެ. އެހެންވެ މިކަމަށް ސަރުކާރުގެ ސަމާލުކަން ނެތް މިންވަރު ހާމަވެއެވެ.