Last Updated: September 20, 16:50
Friday, September 20, 2024
ޚަބަރު

ހައްޖު ކޯޓާ ޔަގީންވެއްޖެ

ރައީސް އަބްދުﷲ ޔަމީން ސައުދީ ރަސްގެފާން ސަމްލާން ބިން އަބްދުލް އަޒީޒް އާލް ސައުދަށް ފޮނުއްވި ސިޓީ އާއި އެކު ކުރިން ހަމަނުޖެހި ދިޔަ 1000 ކޯޓާ ހަމަޖެހި ޖުމްލަ 2000 މީހުންނަށް ހައްޖަށް ދެވޭނެކަން ޔަގީންވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގެ "އިހްމާލުން" 1000 ހައްޖާޖީންނަށް މިއަހަރު ހައްޖަށް ނުދެވޭނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް، މިކަން ހައްލުވެފައިވާކަން މިހާރު ވަނީ ޔަގީންވެފައެވެ.

ހައްޖަށް މީހުން ގެންދިއުމަށް 5 ޖަމާއަތަކަށް ހުއްދަދީފައިވާ އިރު އޭގެތެރެއިން ކޮންމެ ޖަމާއަތަކަށް 200 މީހުން ހައްޖަށް ދިއުމުގެ ހުއްދަވަނީ ދޫކޮށްފައެވެ، ބާކީ 1000 މީހުން ހައްޖަށް ގެންދަނީ ހައްޖު ކޯޕަރޭޝަނުންނެވެ.

ހައްޖު ކޯޓާގެ ތެރެއިން 1000 މީހުންގެ ޖާގަ ކެންސަލްވިކަން ސައުދީ ސަރުކާރުން އެންގުމާއި އެކު އެތައް ބަޔަކު ވަނީ ނާއުއްމީދުވެފައެވެ.

ނަމަވެސް މިހާރު ހުރިހާކަމެއް ހަމަޖެހި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ހައްޖާޖީން ފުރަން ފަށާނެއެވެ.