ފިނޭންސް މިނިސްޓްރީން 15 ކާރާއި ވޭނެއް ގަންނަން ބީލަމަށް ލައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މިނިސްޓްރީގެ ބޭނުމަށް 15 ކާރާއި އެއް އެގްޒެކެޓިވް ވޭން ގަންނަން ބޭނުންވާ ކަމަށެވެ.
އެހެންވެ މިނިސްޓްރީ އަށް އެ ވެހިކަލްތައް ވިއްކަން ޝައުގުވެރިވާ ފަރާތްތަަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހާ ހަމަައަށް ވަނީ ހުޅުވާލައިފަ އެވެ.
ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީ ކުރަން ޖެހެ އެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ މާދަމާ އިން ފެށިގެން 18 ވަނަ ދުވަހާ ހަމައަށެވެ. ފީއެއްގެ ގޮތުގައި 1،500ރ. ވެސް ދައްކަން ޖެހެ އެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން 15 ކާރުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 100،000ރ. އަދި ވޭނަށް 30،000ރ. ހުށަހަޅަން ވެސް ޖެހެ އެވެ.
ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕަފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސަންޓެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓްގެ ޕްރީ ބިޑް މީޓިން މި މަހުގެ 17 ގައި އޮންނާނެ ކަމަށެވެ.
ބިޑް ހުޅުވުން އޮންނާނީ މި މަހުގެ 25 ގަ އެވެ.