މަރަދު އާއި ފޭދޫން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައެއް ތަކެތި ހޯދައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލަ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 30 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެހެން ނަަމަވެސް އެ ދެ ދިވެހިންގެ އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުން ބުނީ އޭގެ ތެރެއިން 30 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައޫ އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން މި މަހުގެ ފަސް ވަނަ ދުވަހު މަރަދޫ މަގުމަތިން ކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި އިރު އޭނާ ގެންގުޅުނު ދަބަހެއްގެ ތެރެއިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދެ ލެޕްޓޮޕަކާއި ސީޑީއެއްގެ އިތުރުން ޕާސްއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން 32 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މި މަހުގެ އެއް ވަނަ ދުވަހު ފޭދޫގެ ގެއަކުން ގްރޭންޑަރަކާއި ކަށިގަނޑުތަކެއް ވަގަށް ނެގިކަމަށް ބުނެ ހުށަހެޅުނު ވައްކަމުގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އެ މައްސަލާގައި އޭނާ ބަލައި ފާސްކުރި އިރު އޭނާގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގްރޭންޑަރަކާއި ވަޑާން ކަށްޓެއްގެ އިތުރުން ފުށްކައްޓެއް ފެނިފައިވެ އެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކެއްގެ މުއްދަތަށް 10 ދުވަސް އަދި އަނެއް މީހާ އަށް 15 ދުވަހުގެ މުއްދަތަށް ކޯޓުން ދީފައިވެ އެވެ.