ތައިލޭންޑަށް ގޮސް ފިރިހެނުން އަންހެނުން ހޯދަނީ "ހިލޭ ނޫން" ކަމަށް ރައީސް އަބްދުﷲ ޔާމީން ދެންނެވީ، ހަށިވިއްކުމަށް ހިތްވަރުދެއްވަން ނޫންކަމަށް ބްރޯޑްކާސްޓިން ކަމިޝަން (ބްރޯޑްކޮމް) އިން ކަނޑައަޅައިފިއެވެ.
ބްރޯޑްކޮމްއިން މިގޮތަށް ކަނޑައެޅީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހުގެ ރޭ ރައީސް ޔާމީންގެ ވެރިކަން ދެބައި ވުމާއި ގުޅިގެން ބޭއްވި "ފަހި 913 ކުޅިވަރު ފެސްޓިވަލް" ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ހަށިވިއްކުމަށް ހިތްވަރު ލިބޭ ވާހަކަފުޅެއް ދެއްކެވި މަންޒަރާއި އަޑު ޗެނަލް 13 އާއި ޓީވީއެމުން ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލަ ބެއްލެވުމަށް ފަހުއެވެ.
ކޮމިޝަނުންގެ ބަޔާނުގައި ވަނީ ރައީސް އަބްދުﷲ ޔާމީން އާއި އޭގެ ކުރިން ވާހަކަފުޅު ދެއްކެވި އެމްޑީއޭގެ ލީޑަރ އަހްމަދު ޝިޔާމް ދެއްކެވި ވާހަކަތައް ކޮމިޝަނުން ބެލިއިރު އެކޮންޓެންޓް ބްރޯޑްކާސްޓު ކުރުމުގެ ސުލޫކީ މިންގަނޑާ ޚިލާފު ނުވާ ކަމަށް ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޝިޔާމްއަށް ނިސްބަތްކުރައްވައި ރައީސް ޔާމީން ވިދާޅުވީ
"އަޅުގަނޑުގެ އެންމެ ގާތް އަޚު ސިޔާމަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންނަށް އެނގެއޭ ހަމަ ހުރިހާ ބޭފުޅުން ވެސް، ހާއްސަކޮށް ހުރިހާ ފިރިހެން ބޭފުޅުން ބެންކޮކަށް ވަޑައިގަންނަވާ. ހަމަގައިމު ވެސް އަންހެން ބޭފުޅުން ހޯއްދަވަނީ ހިލޭއެއް ނޫން. އެހެންވީމަ ހިލޭ އަންހެނުންނެއް ނޫން އެއީ ސިޔާމް،"
އެވެ.
މީގެ ކުރިން މެއި 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ހއ. ހޯރަފުށްޓަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ، އިޖްތިމާއީ މައްސަލަތައް ހައްލު ކުރުމަށް ޓަކައި އެ މައްސަލަތައް ހަނދާން ނެތޭ ފަދަ އަފިހުނެއް ޒުވާނުންނަށް ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
މި މައްސަލަ ބްރޯޑްކާސްޓިން ކަމިޝަނަށް ހުށަހެޅުމާއި ގުޅިގެން ޖުލައި 19 ވަނަ ދުވަހު މައްސަލަ ބެއްލެވުމަށްފަހު ކޮމިޝަނުން ނިންމާފައިވަނީ "އިޖުތިމާއީ މައްސަލަތަކަށް، އޭގެ ޙައްލެއް އަންނާނީ، ރައްޔިތުން އިޖުތިމާއީ މައްސަލަތަކުން ހަނދާންނެތޭވަރުގެ އަފިހުނެއް ރައްޔިތުންނަށް ލިބިގެން" ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސާލު ބަހެއްގެ ގޮތުގައި ކަން އެނގެން އޮންނަ ކަމަށެވެ.